English Edition
Dhivehi Edition
ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

“ތިލަމާލެ ބްރިޖު”ގެ ތަނބުތަކުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ ބްރިޖު ގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީ އާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 2024 ވަނަ އަހަރު މެއި މަހު ބްރިޖު ތިލަފުއްޓަށް ގުޅާލާ ގޮތަށް ޕްލޭންކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވަނީ ‘ވަގުތަށް” މައުލޫމާތު ދެއްވަމުން މި މަސައްކަތް ރޭވިފައިވާގޮތް ހިއްސާކުރައްވާފައެވެ. މި ގޮތުން ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މި މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވަމުން ޖިނާން ވިދާޅުވީ އެފްކޮންސް އިން ފަށަން މިއުޅެނީ، ތިލަމާލެ ބްރިޖުގެ އެންމެ މުހިންމު އަދި ބުރަ މަސައްކަތްކަމަށެވެ.

މީގެ އިތުރުން ޖިނާން ވިދާޅުވީ ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އަދިވެސް ވިލިމާލެ ކައިރީގައި އަދި ތިލަފުށީގައި ކުރިއަށް ދާކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ “ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު” އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 26 އޮގަސްޓް 2021 ގައެވެ. ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އަދި ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.