English Edition
Dhivehi Edition

ހުޅުދޫ ބަނދަރާއި، މެދު ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒުއް ރަޙްމާން ވިދާޅުވެއްޖެއެވެ،

ހުސައިން ފައިޒް މިހެން ވިދާޅުވީ ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު(މެދު ބަނދަރު) ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގުމާއި ގުޅިގެންނެވެ. މި ގޮތުން ހުސައިން ފައިޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުދޫ ބަނދަރާއި، މެދު ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ” އެކަން ނައީމްއަކަށްވެސް އަދި އެހެން މީހަކަށްވެސް ނުހުއްޓުވޭނެ” ހުސައިން ފައިޒްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވަނީ މި ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އީޕީއޭ އިން ބުނީ އެ އޭޖެންސީގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް 28 ޖޫން 2020 ގައި ދޫކޮށްފައިވާ ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރި ކަމުގެ ލިޔުމާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދު 2012′ (ގަވާއިދު ނަންބަރު:2012/R-27) ގެ 20 ވަނަ މާއްދާ އަށް ހަވާލާދީ، މި މަޝްރޫޢުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް 20 ޖުލައި 2022 ގައި މި މަޝްރޫއު ހިންގަމުންދާ ފަރާތަށް އަންގާފައިވާނެކަމަށެވެ.

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 88 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް އީޕީއޭ އިން މި ގޮތަށް އެންގުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ގޮތުން މިއީ އީޕީއޭ އިން ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ކުރާ ‘ޖެއްސުމެއް’ ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.