ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭ އިން ބުނީ އެ އޭޖެންސީގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް 28 ޖޫން 2020 ގައި ދޫކޮށްފައިވާ ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރި ކަމުގެ ލިޔުމާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދު 2012′ (ގަވާއިދު ނަންބަރު:2012/R-27) ގެ 20 ވަނަ މާއްދާ އަށް ހަވާލާދީ، މި މަޝްރޫޢުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް 20 ޖުލައި 2022 ގައި މި މަޝްރޫއު ހިންގަމުންދާ ފަރާތަށް އަންގާފައިވާނެކަމަށެވެ.
ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ މަސައްކަތްކުރަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 88 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު އެ މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ހުޅުމީދޫ ބަނދަރުގެ، ޖުމްލަ އަގަކީ 68.80 މިލިއަން ރުފިޔާ އެވެ.