ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙަންމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ހައްޔަރުކޮށްފިއެވެ. އާޒިމް ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ދިވެހި ސަރުކާރު ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގަ އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ “…މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އަދި މީނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މީނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ” ކަމަށެވެ. ކޯޓުއަމުރެއްގެދަށުން އާޒިމް ހައްޔަރުކުރީ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގައެވެ.މީގެއިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، ޝަރުޢީ ނިޒާމުގެ އިތުބާރު ގެއްލުވާލަން މަސައްކަތްކުރުމުގެ ތުހުމަތުވެސް އާޒިމްގެ މައްޗަށް ވަނީ ކޮށްފައެވެ. އާޒިމް ފުލުހުން ހައްޔަރުކުރީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.