ރާއްޖޭގެ ހާލަތަކީ އުފެދެމުން ބޮޑުވަމުން އަންނަ ހާލަތެއް ކަމަށާއި ބޯހަރުކަން އިސްކުރުމުން މިހާލަތު ރަނގަޅު ނުވާނެ ކަމަށް ކުރީގެ ރައީސް އަންދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އަވަށްޓެރި ސްރީލަންކާ ގައި މިހާރު ހިނގަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީން ފެންނަ މަންޒަރުތައް ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ފެނަށް ވެފައިވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.
The Law Enforcement Authorities need to b glued to the telly to comprehend people’s power. Ours is a situation in de making.lntransigence does not better our condition.All pauperised with stiff collection. MDP dream wilts before it buds.
— Abdulla Yameen (@prz_ymn) July 11, 2022
ޔާމީން މިހެން މިދާޅުވެފައިވާއިރު، އެ ގައުމުގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާ އަށް ދިމާވެފައި އޮތް މައްސަލަތަކުން އަރައިގަތުމަށް ތަޖުރިބާ ހުރި ހަރުދަނާ ބޭފުޅަކު ބޭނުންވާ ކަމަށެވެ. އަދި ލަންކާ އަށް ދިމާވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކަށް އެ ގައުމުގެ ރައްޔިތުން ފުރިހަމަ ހައްލެއް ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އާންމު މުޒާހަރާތަކާ ގުޅިގެން އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އަށް ވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގެން، އޭގެ ފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އެވެ. ނަމަވެސް ފާއިތުވި ތިން ދުވަސް ތެރޭގައި ލަންކާގެ ހާލަތު އިތުރަށް ވަނީ ގޯސްވެފައެވެ.
އެހެންވެ، ރައްޔިތުން ވަނީ ރިޔާސީ ގަނޑުވަރު ހިފާފައިވާއިރު، އެތާނގައި ތިބި ރައްްޔިތުން ބުނަމުންދަނީ އާ ސަރުކާރެއް އެކުލަވާ ނުލެވެނީސް އެތަން ދޫކޮށް ނުދާނެ ކަމަށެވެ. އަދި ރަނިލް އާއި އާއިލާ ދިރިއުޅުއްވި ގެކޮޅުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތައް ވެސް ވަނީ ދީފައެވެ.
ތަމަޅައިންނާ ހަނގުރާމަ ކުރި ދުވަސްވަރު ދިފާއީ ވަޒީރަކަށް ހުންނެވި މިހާރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މާދަމާ އިސްތިއުފާ ދެއްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާއިރު، ރަނިލް ވެސް ވަނީ އިސްތިއުފާ ދެއްވާނެ ކަން ހާމަ ކުރައްވާފައެވެ.