ތަރައްގީ ގެނެސްދިނުމުގެ ވައްޓާފާޅިއެއް ވެސް، އެލްބޯޑު ޖެހި އިދިކޮޅު ސިޔާސީ ފަރާތްތަކުގައި ނެތް ކަމަށާއި އަޖުމަ ބެލުމުގެ ގޮތުން ވެސް އެލް ބޯޑު ޖަހައިގެން އިންތިހާބުތަކުގައި ވާދަކުރާ ބަޔަކަށް ފުރުސަތު ދޭނެތޯ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފިއެވެ.
ރ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ތިބީ ތަރައްގީއަށް ފެން ބޮވައިގެންފައި ކަމަށާއި އެ ތަރައްގީ ގެނެސްދެވޭނީ ވައްޓަފާޅި ހުރި، އަމަލުން ވެސް އެކަންކަން ދައްކާ ބަޔަކަށް ކަމަށެވެ .އަދި ތަންތަނުގައި މުޒާހަރާކޮށް، ސިޔާސީ ގޮތުން ފާޑުކިޔައިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެސްދެވޭނެ ކަމަށް ރައީސް ޔަމީން ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ޔަމީން ވިދާޅުވީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދޭން ނުކުންނަ މީހުން ޑިމޮކްރެސީއަކީ ކޯއްޗެއްތޯ؟ ތަރައްގީއަކީ ކޯއްޗެއްތޯ؟ ރައްޔިތުންގެ އިހުސާސަކީ ކޮބައިތޯ؟ ސުވާލު ނުއުފައްދާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމުގެ ވިސްނުމެއް އަދި އެ ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ވެސް އިދިކޮޅު ފަރާތްތަކުގައި ނެތްކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ތަރައްގީއާ ހަމައަށް ވާސިލްވި އެހެން ސަރުކާރެއް ނުވަތަ ސިޔާސީ ލީޑަރެއް ވެސް ނެތް ކަމަށެވެ.
ރ. މަޑުއްވަރީ ނަރުދަމާގެ ހިދުމަތް ފެށުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވަން އެ ރަށަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އަބަދުވެސް އިސްކަން ދެނީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމަށް ފުއްދައިދިނުމަށްކަމަށެވެ.