މިދިޔަ ހުކުރުދުވަހު އައްޑޫސިޓީގެ އަވަށްތަކަށް އުދައަރައި ލިބުނު ގެއްލުންތަކުގެ ތެރޭގައި އައްޑޫ މަގު ހެދުމުގެ މަޝްރޫގެ ދަށުން ހަންކެޑެ ވަށައިގެން ހުޅަނގު ދެކުނުން އަޅަމުންދާ ބްރިޖުގެ ތަނބުތަކުން ތަނބަކަށް ގެއްލުން ނުވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓާއި ހަވާލުވެ ހުންނެވި އަބްދުﷲ ސާދިޤް (ސޯބެ) ވިދާޅުވީ އުދައެރުމުގެ ސަބަބުން އެސަރަހައްދުގައި ވެލި އަޅައިގެން ބްރިިޖްގެ މަސައްކަތް ކުރަމުންދާ ދެ ސަރަހައްދުގެ ތެރެއިން ހިތަދޫއާއި ވީ ކޮޅަށް އޮންނަ ސަރަހައްދުން ވެލިގަނޑު ކޮންމެވެސް ވަރަކަށް އުދައާއި އެކު ދަމައިގެން ދިޔަ ކަމަށެވެ. އަދި އެ ސަރަހައްދުގައި އެފްކޮންސްއިން ބަހައްޓާފައި ހުރި ބައެއް ތަކެތި އެވަގުތު ލޮނުގަނޑާއި އެކު ދިޔަކަމަށާއި އަދި ހަންކެޑެ މެދުތެރެއިން ފެށިގެން މަރަދޫއާވީކޮޅަށް ވެލިއަޅައިގެން މަސައްކަތް ކުރި ސަރަހައްދުންވެސް ވަރަށް ބޮޑަށް ވެލިގަނޑު ދަމައިގެން ދިޔަ ކަމަށެވެ.
“ވެލިގަނޑު ދަމައިގެން ދިއުމުގެ އިތުރަށް މިސަރަހްދުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ގެންގުޅުމަށް ހަދާފައިވާ ވަގުތީ ވެއަރ ހައުސްއަކަށްވެސް ގެއްލުންވި . މި ގެއްލުންތަކުގެ ސަބަބުން ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް ނާދޭ. މިހާރުވެސް ބްރިޖުގެ 18 ތަނބެއް ވާނީ ޖަހާފައި. މީގެ އެއްވެސް ތަނބަކަށް ގެއްލުމެއް ނުވޭ. އެ ސަރަހައްދުގައި މަސައްކަތް ކުރުމަށް ވެލިއަޅާފައިވަނީ ފެން ދައުރުވާ ގޮތަށް . އުދައެރިއިރު ނެގި ރާޅުތަކަކީ އާންމުގޮތެއްގައި ޖަހާ ރާޅުތަކަށްވުރެ އުސް ރާޅުތަކެއް ” ސޯބެ ވިދާޅުވިއެވެ.
އުދަ އެރުމުގެ ސަބަބުން ބްރިޖް ހަލާކުވެފައިވާ ކަމަށާއި މިއީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރާ މަސައްކަތެއް ކަމަށް ބައެއް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައާއި ގުޅުވައިގެން ވިދާޅުވީ، ބްރިޖުގެ މަސައްކަތަކީ އީއައިއޭ ހަދައި އެއާ އެއްގޮތަށް ކުރިއަަށްދާ މަސައްކަތެއް ކަމަށާއި އަދި ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ އީއައިއޭއާއި އެއްގޮތަށްތޯ އީޕީއޭއިން ދާދިފަހުންވެސް މޮނީޓަރ ކުރަން ގޮސްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު އައްޑޫގެ އަވަށްތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށްވަނީ ކޮށްފައެވެ.