English Edition
Dhivehi Edition

އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލް ހުށަހެޅުއްވި 50.599 މިލިއަން ރުފިޔާގެ ބަޖެޓް، އެއޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން އޮޑިޓް އޮފީހުގެ ބަޖެޓް ފާސް ކުރީ 34 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި އިދިކޮޅު މެމްބަރުން ވަނީ އެ ބަޖެޓަށް ތާއީދު ކުރައްވައިފަ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަށް ބަހުސްކުރި ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވަނީ އޮޑީޓް އޮފީހުން ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި ބަޖެޓް ފާސްކޮށްދެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ބަޖެޓު ކަނޑައަޅަން ޖެހޭނީ މާލިއްޔަތު ކޮމިޓީންނެވެ. އެގޮތުން އޮޑިޓު އޮފީހުން އެ ކޮމިޓީއަށް ފޮނުވާފައި ވަނީ 50.599 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޮޑިޓާ ޖެނަރަލް އޮފީހުން މި އަހަރު ބޭނުން ކުރުމަށް މިދިޔަަ އަހަރު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ 45 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަދު ފާސްކުރި އޮޑިޓް އޮފީހުގެ ބަޖެޓްގައި މުސާރައިގެ އިތުރުން އެހެނިހެން ހަރަދުތަކަށް 13 މިލިއަން ރުފިޔާގެ ވަނީ ކަނޑައަޅައިފަ އެވެ. ތިން މިލިއަން ދަތުރުފަތުރަށް އޮތް އިރު ތައުލީމާއި ތަމްރީންތަކަށް ވަނީ 1.1 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މިދިޔަ އަހަރަށް ވުރެން މިއަހަރުގެ އޮޑިޓް އޮފީހުގެ ބަޖެޓް 3.4 މިލިއަން ރުފިޔާ ބޮޑެވެ.