English Edition
Dhivehi Edition

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކޯސްޓް ގާޑުން ފަށައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ވެސް އަޟްޙާ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ މިދިޔަ ޖޫން 30 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާއިރު، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ޤާއިމްވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން ވެސް ޢީދުބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައި މި އޮޕަރޭޝަން ހިންގަމުން ގެންދާނެއެވެ.

މިގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑު ސްކޮޑްރަން އަދި އެމްއެންޑީއެފް ސަދަން އޭރިއާ ފޯތު ސްކޮޑްރަންއިން، އެ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަމުން ގެންދާނެއެވެ.

މި އޮޕަރޭޝަން، ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ޢީދު ބަންދާއި، ބޮޑު ޗުއްޓީ ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑުން މި އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.