English Edition
Dhivehi Edition

ދެމީހުން އެކުގައި މަޑުމަޑުން ހިނގާފައި ދަނިކޮށް ގެއެއްގެ ދޮރޯށީ ދޮށުގައި ތިބި ބައެއްގެ ތެރޭން އިސްކޮޅުން ދިގު ރީތި އަންހެން ކުއްޖަކު ދުވެފައި އައިސް ޝާން އާ އޮޅުލައިގަތެވެ. އެތާ ދެން ހުރި ފިރިހެނަކުވެސް ޝާން އާ ސަލާމް ކޮށްލިއެވެ. އަދި ގެއަށް ވެންނެވުމަށް ތަން ދެއްކިއެވެ.

ގެޔަށް ވަނުމަށްފަހުވެސް އެ އަންހެން ކުއްޖާ ޝާން އާ ދުރަކަށް ނުދެއެވެ. އޭނާ ލާފައި ހުރީ ގަޔަށް ބާރު ޓީ ޝާރޓަކާއި ރަތް ކުލައިގެ ރޫޖެއްސި ތިރީ ބައެކެވެ. މިއީ ޝާންގެ ހާދަ ގާތް ބަޔެކޭ އާދިލާގެ ހިތަށް އެރިއެވެ.

“ޝިނާޔާ! މިއީ އާދިލާ. މިއީ ތައުފީގުގެ ޗުއްޓީ ހަމަވަންދެން އަހަރެންގެ ސެކްޓެރީއަކަށް އުޅެވޭތޯ ހިއްވަރު ކުރާ ކުއްޖެއް.”

އެ ދެއަންހެނުން އެކަކު އަނެކަކަށް ހައިރާން ކަމުގެ ނަޒަރަކުން ބަލާލިއެވެ. ޝާން އުނދޯލީގައި އިށީނދެވަޑައިގަންނަވާފައި ގަމީހުގެ އަތުކުރި އޮޅާލެއްވިއެވެ. އެވަގުތު މެދު އުމުރެއްގެ އަންހެނަކު އައިސް އެ ދެމީހުނަށް ކުރުނބާ ދިނެވެ. ” މީ މިގޯތީ ރަސް ދަނބުރުކު ކުރުނބާ. ވަރަޓަ ފެން މީރު ވެންނޭ” ޝިޔާނާ ބުނެލިއެވެ.

“އާނ! ވަރަޓަ މީރެ. ” އާދިލާ އެތިފޮދެއް ބުއިމަށްފަހު ބުނެލިއެވެ.

” މިރޭ ކެއުމެ މިގޭ ބާއްވަނެ މި ރާވަންނެއި؟” ޝިނާޔާ ދަންނަވާލިއެވެ.

” ނޫން. މިރެއަކު ނޫން. މިރޭ އެބަޖެހޭ އެހެން ކަމެއް ރާވާލަނ ޝާން ނުހަނު ލޯބިވެތި ގޮތަކަށް ވިދާޅުވިއެވެ. ” އެހެން ދަތުރަކު އަންނާނަން މިގޭން ކާލަން”

” ތިހެނެ ކުރީފަހަކު ވެސް ބޭބެ ބޮނު.”

” ކޮއްކޮއާ މުހުނދު ދާންވީނު ހޯރަފުށްޓަށް. މަންމަ ކިހާ އުފާވާނެ؟.”

” މިފަހަރެ ދަނޑެ ހެދުންނެ މެއި ދަންނެއި އޭ. މުހުނދު އުޅެންނެއި ވަރަޓެ ބުރަކޮޓެ .”

” ކޮއްކޮ އަށް ފަސޭހަ އިރަކުން ދާންވީ. ” ޝާން ވިދާޅުވިއެވެ.

” މުހުނދު ކޮބާ؟”

” އެޔާވޫ މަހަޓަ ގޮހޮ “. ޝިނާޔާ ބުނެލިއެވެ.

“އާދިލާ ގޮވައިގެން ދާންވީނު ޖޯލިފައްޗަށް. ކޮއްކޮ ކުޑައިރު ކިޔާ ކަހަލަ ވާހަކައެއް އޭނައަށް ކިޔާދޭންވީނު .”

މިހެން ވިދާޅުވެފަ ޝާން އެތާނހުރި ފިރިހެންމީހާ ގޮވައިގެން ބޭރަށް ވަޑައިގަންނަވައިފިއެވެ.

ޝިނާޔާ އާދިލާ ގާތު ބުންޏެވެ. ” ބޭބެ ހަދަންނޫ އެހެނެ. އަންނަންނެއި އަހަރެކެ އެކެ ފަހަރަ. ގެއަޓަ ވަދެ އަވަހަޓެ ދަންނޫ ބޭރަޓެ. ތަނައްކު ފުލެ ނުޖަހުވަންނެ ”

“ޝާންގެ ކޮއްކޮ އިންނަނީ މިރަށުގަ ކަމަކަށް އެކެފަހަރެ ވެސް ވިދާޅެއްނުވޭ.”

“ބޭބެ ނުބުނަންނެ އެކައްތެކެ ޔަސް. ޖޯލިފަތްތައް ދަންނައެ . އެތަނަޓެ ނިކަން ވައި ޖެހެންނެ.”

” މިކަލެވެސް މިއިންނެއި ނިދިއައިސްފަ.” މިހެން ބުނެފައި ދެމީހުން އެކުގައި ޖޯލިފައްޗަށް ހިނގައްޖެއެވެ.

އެއީ އަދި ހަދާ ނުނިމި ހުރި ގެއެކެވެ. ނިމުނީމާ ވަރަށް ރީތި ވާނެހެން ހީވެއެވެ. އެވަގުތު ގޭތެރޭން ކޮންމެވެސް މީހަކު ކީބޯޑެއް ކުޅޭ އަޑު އިވެއެވެ. ޝިނާޔާ މަޑުމަޑުން އާދިލާގާތު ބުންޏެވެ. “އެއީ މަގެ ދަރި ސަޒިން . އުމުރުން ހަތެއަހަރެ.

” އެވަރު ކުއްދަކާ ބަލާފައި ކުޅޭލެކެ ހާދަ ރިވެއްތޭ. މަޓައެނގޭ އެ ރާގެ ކުޅެނެ. ބައްޕަ ހަރުމޯނިއަމުން އެރާގު ކުޅެނެތަން ފެނިފެނި ދަސްވޫ” ދެން އާދިލާ ސަޒިން އިންތަނަށް ހިނގައްޖެއެވެ.

ސަޒިން ކުޅެން އިންދާ އޭނާ ނުދަންނަ މީހަކު ވަންތަން ފެނުމުން ކުޅުން ހުއްޓާލިއެވެ. އެހެންނަމަވެސް އޭނާގެ މަންމަ އޭނާއަށް އާދިލާ ތައާރަފް ކޮށް ދިނެވެ. ދެން އާދިލާ އެ ކުއްޖާއަށް އެ ރާގު ކުޅެދޭން ފެށިއެވެ. ” ތުމްހީން މޭރި މަންދިރް. ތުމްހީން މޭރި ޕޫޖާ…. ”

ސަޒިން މި ރާގު ކުޅުނު އިރު ނުބައިކޮށް ކުޅެވުނު ތަންކޮޅެއް އޭނާ ރަނގަޅު ކޮށް ދިނެވެ. ދެން ސަޒިން ވެސް އާދިލާ ކުޅުނު ގޮތަށް އެ ރާގު ކުޅެލިއެވެ. އާދިލާއާއި ޝިނާޔާ އަތްތިލަ ބަޑި ޖަހާލިއެވެ. ފަހަތުގައި މިތަން ބަލަހަށްޓައިގެން ތިބި ދެ ފިރިހެނުންވެސް އަތްތިލަ ޖަހަން ފަށައިފިއެވެ. ސަޒިން އަށް އެމީހުން ފެނުމާއެކު ދުވެފައިގޮސް އޭނަގެ ބޮޑުބެބެއާ އޮޅުލައިގަތެވެ. އޭނާ އުރާލުމުން ޝާންގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއެވެ.

“އާދިލާ ދައްތަ ތިޔަހާ މޮޅަށް ރާގު ކުޅެން ދަސްކޮށް ދިނީމާ އޭނަޔަށް ގިފްޓެއް ދޭންވާނެއެއްނު ”

” ގިފްޓެއްއް ނުދިނަސް އޭނައަށް އެ ރާގު ކުޅެވުނީމާ ގިފްޓަކަށް ފުދެޔޭ .” އާދިލާ ރަކިވެފަ ހުރެގެން ބުނެލިއެވެ.

ދެން އެންމެން ސަލާންކޮށް ހަދާފައި ޝާން އާ އާދިލާ ފުރަން ގޮސް ލޯންޗަށް އަރައިފިއެވެ.

އާދިލާ ހަމަ ހިމޭނުން އިނެވެ.

“ތި ވިސްނަނީ ކޯނޗެއް ؟” ޝާން އެއްސެވިއެވެ. ” އަޅުގަނޑު މިވިސްނަނީ ސަޒިން ކަހަލަ ފިރިހެން ކުއްޖެއް ތި ބޭފުޅާ ބޭނުން ނުވާނެ ބާއޭ”

ޝާން އެއްޗެއް ވިދާޅުނުވެ އޭނައަށް ފުން ނަޒަކުން ބައްލަވާލެއްވިއެވެ. ދެން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ތީ ހަމަ ކޮންމެ ފިރިހެނަކުވެސް ދެކޭނެ އެންމެ ފޮނި ހުވަފެން ނޫން ތަ؟ އާދިލާ ކަލެއަކީ ހިތަށް އަރާއެއްޗެއް ސާފުކޮށް ބުނާ މީހެއްތާ ؟”

” އެއީ އަޅުގަނޑުގެ ބައްޕަ ގާތުން ދަސްކުރި ކަމެއް.”

” ކަލޭގެ ބައްޕައަކީ ވަރަށް މޮޅު މީހެއް. އެކަން އެނގިއްޖެ ކަލޭ އެ ރާގު ކުޅެލިގޮތުން. އަހަންނަށް އަދި ކަލެއާ ބެހޭ މާގިނަ ކަމެއް ނޭނގޭކަން މިހާރު ވިސްނިއްޖެ . ފަހަރުގަ ކަލެއަކީ ވަރަށް ހިންގުންތެރި ސެކެޓްރީ އަކަށްވެސް ވެދާނެ .”

” މީހުންނާ މެދު ޝައްކު ކުރެއްވުމަކީ ތި ބޭފުޅާގެ ހުންނަ ގޯސް ސިފައެއް.” އާދިލާ މިހެން ބުނެލީ އެވަގުތު ޝާން ކޯފާނުވާނެ ކަމުގެ ޔަގީންކަން އޮތީމައެވެ.

” ފުރަތަމަ ދުވަހު އަހަރެން ވަރަށް ހިތްހަމަ ނުޖެހުނު. އެކަމަކު ކަލެއަކީ މަސައްކަތަށް ރަނގަޅު ކުއްޖެއްކަން މިހާރު އެނގިއްޖެ. އެކަމަކު އަހަރެންގެ ސެކްރެޓަރީއެއްގެ މަގާމު ދެވޭކަށެއްނެތް .”

” މާނައަކީ ތިބޭފުޅާއަށް ކަމުދާވަރަށް އަދިވެސް އަޅުގަނޑަށް މަސައްކަތް ނުކުރެވެނީ ދެއްތޯ.”

” ނޫން. ކަލޭ މަސައްކަތް ކުރާލެއް ގޯހީއެއްނޫން. ކަލޭ ކަހަލަ ނާޒްކް ކުއްޖަކު މިހާބުރަކޮށް ގެންގުޅެން ބޭނުން ނުވަނީ . އަހަރެންގެ ހިތަށް އަރާ ތިޔަ ނިޔަނެތި ހިނިތުންވުމާ ތިޔަ ބުނެލާ ވާހަކަތަކުގެ ފުރަގަހުގައި އޮތީ ކޮންކަހަލަ ޝުޢޫރުތަކެއް ބާއޭ.”

” ތި ކަމާ ހާސްވެ ވަޑައިނުގަންނަވާ. އެކަމަކުން ތި ބޭފުޅާއަކަށް ނުރައްކަލެއް ނޯންނާނެ އިނގޭތޯ.”

ލޯންޗް އައިސް ދުވާރަށުގެ ފާލަމާ ކާރި ކޮށްލިއެވެ. އޭރު އަލީ އަފީފް އެތަން ބަލަހަށްޓައިގެން ހުއްޓެވެ. އޭނާ ފެނުމުން ޝާން އާދިލާއާ ތަންކޮޅެއް ބޮޑަށް ގައިގޯޅިވެ ވަޑައިގަތެވެ.

އެދުވަހު މެންދުފަހުން އެރަށަށް އައިސް ކުރަންހުރި މަސައްކަތް ނިންމާލާފައި ހުސްކޮށްލިބުނުވަގުތުކޮޅު އާދިލާ ދިޔައީ ކުރީގެ ރައްޓެހިން ފެނޭތޯއެވެ. އާދިލާއަކަށް އެމީހުންގެ ގޭގެއެއް ނޭނގެއެވެ. އެހެންކަމުން ހިނގަމުން ހިނގަމުން ދިޔައެވެ. މިހާ ބޮޑު ބަދަލެއް މިރަށަށް އައިސްފައިވާތީ އޭނާ ހައިރާންވިއެވެ. ހުރިހާ ދިމާއަކުން ފެންނަނީ ތަރައްގީގެ މަންޒަރުތަކެވެ. ކޮންމެ ގެއެއްގައި ކޮމްޕިއުޓަރާއި ޓީވީ ތަކެވެ. ހުރިހާ މަގެއްގައި އިލެކްޓްރިކް ލައިޓްތައް ހަރުކުރެވިފައި ހުއްޓެވެ. މަގުތަކަށް ތާރު އަޅާ ދުވާރު ހަދާފައިވެއެވެ. އެހެންނަމަވެސް މިރަށުގެ މަގުމަތި ވަރަށް އަމާނެވެ. ކާރުތައް ވަރަށް މަދެވެ. އެކަމަކު ސައިކަލްތައް ވަރަށް ގިނައެވެ.

ރާއްޖެތެރެއަށް މިކަހަލަ ކުރިއެރުމެއް އައިސްފައިވާތަން ފެނުމުން އޭނާ ވަރަށް އުފާވިއެވެ. ރާއްޖެއިން ގޭހާއި ތެޔޮ ނަގަން ފެށުމާއި އިތާ މުތް އެކްސްޕޯރޓް ކުރަން ފެށުމުން ރާއްޖެތެރޭގެ ހުރިހާ ހިސާބަކަށް ވެސް އޭގެ ތަނަވަސްކަން ފެތުރިގެން ދިޔައީ އެވެ. އެންމެންވެސް ތިބެނީ ވަރަށް ރީތިހެމުގައެވެ. ކޮންމެ މީހެއްގެ އަތުގައިވެސް އަގުބޮޑު ގަޑިއާއި ފޯނު އޮވެއެވެ. ޓުވަރިޒަމުން ލިބޭ ފައިދާއަށް ވުރެން އެހެނިހެން ގޮތްގޮތުން ރާއްޖޭގެ އިގްތިސާދަށް ކުރާފައިދާ މިހާރަކު ކުޑައެއް ނޫނެވެ.

އާދިލާއަށް އޭނާގެ ރައްޓެހި ސަންޕަ ދައިތަގެއެއް ނޭނގެއެވެ. އެހެންނަމަވެސް މީހުންކުރެން އޮޅުންފިލުވައިގެން އެގެ ހޯދައިފިއެވެ. އެގެއަށްވެސް އައިސްފައިވާ ބަދަލު ފެނުމުން އާދިލާ ހައިރާންވިއެވެ.

ސަންފަ ދައިތަ ނިޔާވި ކަމެއް އާދިލާއަކަށް އެނގިފައެއް ނެތެވެ. އެހެން ނަމަވެސް އެގޭގެ ހުރިހާ ކުދިންނަށް އާދިލާ އެނގެއެވެ. އޭނާ ކުރީފަހަރު އައިއިރު ވަހީދާގެ ދަރިފުޅު ވަރަށް ކުޑައެވެ. އޭނާ އަބަދު އުޅޭނީ އާދިލާގެ ކޮނޑަށް އަރައެވެ. އާދިލާވެސް އަބަދު އޭނައާ ތޮޅޭނެއެވެ. ސަންޕާ ދައިތަ ނިޔާވިއެއްކަމަކު އާދިލާގެ ރައްޓެހިން މަދެއްނުވިއެވެ. އާދިލާ ފެނުމުން ވަހީދާ ހީވަނީ އުފަލުން މޮޔަވެދާނެހެންނެވެ. އެތައްއިރެއްވީ އިރުވެސް އާދިލާގެ އަތުން ދުލެއް ނުކުރެއެވެ.

އާދިލާ އެވަރަށް ކީމަވެސް ގަބޫލުނުކޮށް ސައި ތައްޔާރު ކޮށްފިއެވެ. އަދި އޭނާއަށް އެންމެ މީރު ހުވަދޫ ބޮނޑިއާއި އޮޅަންސުވާއްޔާއި އަލުވި މެޓާ ގެނަސްފި އެވެ. އަދި އެ ވަރުން ނިމުނީއެއް ނޫނެވެ. ހުރިހާ ކުދިވެރިން ވެގެން އޭނާ ގޮވައިގެން މޫދަށް ވެސް ހިނގައްޖެއެވެ. އެއީ ކުރީފަހަރު އައިސް ހުރިއިރު އޭނާ މޫދަށް އެރޭހިތުން އުޅޭތީއެވެ. އޭރު އޭނާ ހުންނަނީ އެރަށު މީހުން ބޮލުގައި ހުޅި ޖަހާހެން ހުޅިޖަހައިގެންނެވެ. އަދި އޭރު ލަނީ ކަސަބު ބޯވަޅު އެޅި ހެދުމާއި ފޭއްޔެވެ. މިއީ އާދިލާއަށް އަބަދުވެސް ވަރަށް ރީތި ހެދުމެކެވެ. މިއަދު އޭނައަށް އެހެދުން އަޅައިގެން އުޅޭނެ ވަގުތެއް ނެތެވެ. އެހެންނަމަވެސް އެގެއިން ނިކުމެވުނު އިރު އޭނަގެ ބޮލުގައި ހުރީ ހުޅި ޖަހާފައެވެ. މިކަންތައް ކުރީ ވަހީދާގެ 7 އަހަރުގެ ދަރިފުޅު ރޭޝްމާ އެވެ.

އާދިލާ ވަހީދާގެ ގެޔަށް ދެވުނީމާ އޭނާގެ ހަރުކަށި ވެރިމީހާގެ މަތިންވެސް ހަނދާނެއް ނެތެވެ. އޭނާ ހުރީ އެހާވެސް އުފާވެފައެވެ.

އިރު އޮއްސެން ކާރިވުމާއެކު ތިނަދޫގެ ސާފު އުދަރެހުގައި ފިނިފެންމާ ކުލައިގެ ފަރުދާއެއް ފެތުރިއްޖެއެވެ. ހުރިހާ ފަރާތަކުން މިއުޒިކާއި ލަވައިގެ އަޑު އިވެންފަށައިފިއެވެ. މަޝްހޫރު ” ފެން މީރުވި ރީތި ރަށޭމީ ރޫހް ވަނީ ތިނަދޫގައޭ” މިލަވައިގެ އަޑު އެކި ދިމަދިމާއިން އިވެމުން ދިޔައެވެ. ތިނަދޫ އަކީ އަބަދުވެސް މިހާ ހިތްގައިމު ރަށެކެވެ. އޭނާއަށް އަބަދު މިރަށުގައި އުޅެވޭނެ ނަމައޭ ހިތަށް އެރިއެވެ. އަދި ޝާންވެސް މިރަށުގައި ދިރިއުޅުން ފައްޓަވާނެ ނަމައެވެ. މިހެން ހިތަށް އެރުމުން ޝާންގެ މަތިން އޭނާ ހަނދާންވިއެވެ. އޭނާ އަވަހަށް ދާން ހިނގައިގަތެވެ.

އާދިލާ ވަންއިރު ޝާން އިންނެވީ މޭޒު ދޮށުގައެވެ.

އޭނާ ފެނުމުން ޝާން ވިދާޅުވިއެވެ. ” އަހަރެން ހީކުރީ އާދިލާ ގެއްލުނީ ކަމަށް. ދޭބަލަ ކޮފީތަށްޓެއް ހަދައިގެން އަންނަން. ކަލޭވެސް ކޮފީ ތަށްޓެއް ހަދައިގެން ގެނޭ. މިހާރު ދެން މި ނިމެނީ .”

އާދިލާ ކޮފީ ގެންނަތަން ބައްލަވަން ޝާން އިންނެވިއެވެ. އާދިލާ އައިސް ކޮފީތަށިތައް ބަހަށްޓާފައި، މޭޒުމަތީގައި އެގޮތް މިގޮތަށް ހުރި ކަރުދާސްތައް ތަރުތީބު ކޮށްލައިފިއެވެ. އެވަގުތު ޝާމް އިންނެވީ ފޯންކޯލެއްގައެވެ.

“ލަރީސާ! ” ޝާންގެ އަޑުފުޅުގައިވާ އުފާވެރިކަން އާދިލާއަށް ފާހަގަ ކުރެވުނެވެ. “އާނ!ތިޔަ ކަންތައް މަށަށްވެސް އެނގެޔޭ. ތިޔަ ރިޕޯރޓަރުންގެ ކަންތަކާ ދެން ކަންބޮޑުވާނެ ކަމެއްނެތް. ތިޔަކަމާ އޮންނާނީ މޮޅު ގޮތެއް ރާވާފަ”.

މި އަޑު އިވުމުން އާދިލާދިޔައީ އެނބުރުން އަރައިގެންނެވެ. އޭނާގެ މޫނުގެ ކުލަ ބަދަލުވިއެވެ. އެހެންވެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޝާންގެ މޫނުފުޅުން އޭނައަށް ފެނުނީ އުފާވެފައިވާ ކަމުގެ ނިޝާން ތަކެވެ.

“އޭގެ ތަފްސީލެއް ނުދޭނަން. އެކަމަކު އެމީހުން ލިޔާ އެއްޗެހިން ކަލޭ ނަގަންވާނީ ފޮނިތޮށި ކާފޫރު ތޮޅި ނަގާފައި ބާކީ ހުންނަ އެއްޗެއް. .. ނޫން ނޫން ލަރީ….. ކަލޭ ބޭނުން އިރަކު ކަލޭގެ ޚިދުމަތުގަ މި އިންސާނާ މި ހިރީ” ޝާން އުފާފުޅުވެފައި ވިދާޅުވިއެވެ.

އެއަށް ވުރެން ބޮޑު އުފަލެއް އަންހެނަކަށް ލިބޭނެހެއްޔެވެ؟ ބޭނުން ކޮންމެ އިރަކު ޝާން އެވަނީ އޭނާއަށް ޓަކައެވެ . ރާއްޖޭގައި ހުރި މަލްޓި މިލިއަނަރެކެވެ. އޭނާގެ ގާތުވެސް ޝާން އެހެން ވިދާޅުވާނެމައޭ އާދިލާގެ ހިތަށް އެރިއެވެ.

އޭނާ އިސްދަށަށް ޖަހާލައިގެން ހުރެ ފައިލް ކުރަމުން ގެންދިޔައެވެ. ކޮންމެ މީހަކަށްވެސް އިތުބާރު ކުރެވޭ އެކުވެރިއެއް ބޭނުންވާނެއެވެ. ހިތްދަތި ކަމުގެ ހިނދުކޮޅުތަކުގައި ހިތުގެ ޝުއޫރުތަކުގެ އަޑު އަހާނެ ކަންފަތެއް ބޭނުންވާނެއެވެ. އެފަދަ މީހަކު ލިބިފައި ހުރުމަށްވުރެން ވަކީން ބޮޑު ނިއުމަތެއް ކޮބައިހެއްޔެވެ؟

ޝާން ފޯން ބާއްވާފައި އަމުރުވެރި ގޮތަކަށް ވިދާޅުވިއެވެ. ” މިފަރާތަށް އެނބުރި ބަލަ!….. ވަރަށް ރީތި! ތިހެން ބޯ ހަދާފައި ހުންނައިރު ދިވެހި ލިބާހެއް ލީމާ އަދި ވަކީން ފުރިހަމަ ވާނެ.”

އާދިލާއަށް ރޭޝަމް އޭނާގެ ބޮލުގައި ޖަހާފައި ހުރި ހުޅީގެ މަތިން ހަނދާންވީ ދެނެވެ. ” ކަލެއަށް ލިބޭ ފުރުސަތު ބޭނުންތެރި ގޮތުގައި ހޭދަކުރާތަން އެބަފެނޭ.”

ޝާންގެ މަލާމާތުގެ މި ބަސްފުޅާމެދު އޭނާ ނުރުހުންވިއެވެ. އަދި ރުޅިވެސް އައެވެ. އެހެންނަމަވެސް މީގެ ޖަވާބުގައި އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ.

އެ ވަގުތު ޅަހުއްތު އެތެރޭން ނުކުމެ ދެންނެވިއެވެ. “މިރެއަށް ގެންނަންވީ ކޮންކަހަލަ ހެދުން ކޮޅެއް ތޯ .”

“އަހަންނަށް ކުލަގަމީހަކާ ޖީންސެކެވެ. މީނައަށް ބޯވަޅު އެޅި ދިވެހި ހެދުމަކާ ފޭއްޔެއް ގެނަސްދީ. އެހެން އެއްޗެހިތައް ދެން ބޯޓަށް ގެންދޭ. އާދިލާއަށް އައިސް ހުރި ހަދިޔާ ޕާރސަލްތައްވެސް ގެންދޭ.”

ޝާން އެހާ ބޮޑަށް އޭނާގެ ހަރަކާތްތަކަށް ބެއްލެވީތީ އާދިލާ ނުރުހުންވިއެވެ. އެއީ ވަހީދާގޭން އޭނާ ގެނައި ޕާރސަލެކެވެ. އޭނާ އެ ގެނަސް ބެހެއްޓީވެސް ޝާންއަށް ފެނިވަޑައިނުގަންނަ ތަނެއްގައެވެ. އެކަމަކު އެކަންވެސް ޝާން އެ ބެއްލެވީއެވެ.

އާދިލާ އިސްދަށަށް ޖަހައިގެން ހުރެ ހިތާހިތުން 10 އަކާ ހަމަޔަށް ގުނާލިއެވެ.

-ނުނިމޭ-