English Edition
Dhivehi Edition

މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރުމަށް މޯލްޑިްވސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ޙައްޤެއްކަމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

“ޚާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މި ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެކެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް މި ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރެއެވެ.” އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށާއި އަދި އިސްލާމްދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާ ޚަބަރު ނުފެތުރުމަށާއި އަދި ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ވެސް ހަނދާންކޮށްދީފައިވެއެވެ.

މީގެ އިތުރުން، މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މި ކައުންސިލުން ނުހަނު ބާރުއަޅާކަމެއްކަން ފާހަގަކޮށް ލިބޭ މައުލޫމާތުތައް ކަށަވަރުކުރުމަށް ޓަކައި މީޑިއާތަކުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މައުލޫމާތެއް ހޯދުމަށް އެދޭ ހާލަތުތަކުގައި، ވީއެންމެއަވަހަކަށް އެކަމާ ގުޅޭ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމަށް ވެސް އެ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.