މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޤާނޫނު ކަނޑައަޅާފައިވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26 ފެބްރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ތިން މެންބަރުން ހޮވުމަށް ބޭނުންވެއެވެ. އެއީ މީޑިއާ ތަމްސީލުކުރާ އެއް މެންބަރަކާއި އާންމު ދެ މެންބަރުންނެވެ. މީޑިއާ ތަމްސީލުކުރާ އެއް ގޮނޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތަކު ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން އަދި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.
މީގެ އިތުރުން، އާންމު މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް ސެލެކްޓް ކުރުމުގައި ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ ސައިންސަސް ގެ ދާއިރާއަކުން މަތީ ތަޢްލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮ ކަންް (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން) އަށް އިސްކަންދެވޭނެ ކަމަށްވެސް ހޯމް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މީޑިއާ ކައުންސިލުގެ މެންބަރުކަމަށް އެދޭ ފަރާތްތަކުން 26 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައިވާ، “ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި (އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ، ކުށުގެ ރެކޯޑް (މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޯޓުތަކުން) އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯ) ހޯމް މިނިސްޓްރީގެ އީމެއިލް: [email protected] އަށް ހުށަހެޅުމަށާއި، ހުށަހަޅާ ހުރިހާ ލިޔެކިޔުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އެ މަޤާމަށް ކުރިމަތިލުމަށް ކުރިން ކުރެވުނު އިޢުލާނާ ގުޅިގެން މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން އަލުން މެންބަރުކަމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.