މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާގެ ބަރަހަނާ ފޮޓޯއެއްކަމަށް ބުނެ ދައުރުކުރަމުންދަނީ އޭނާގެ ފޮޓޯއެއް ނޫންކަމަށް ޖެނިފާ ވިދާޅުވެއްޖެއެވެ.
ޖެނިފާގެ ބަރަހަނާ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯއެއް ލީކް ކޮށްލާފައި މި ވަނީ ޖިންސީ ގުޅުން ހިންގާއިރު ޕާޓްނަރަށް ނޭނގި އެމަންޒަރު ވީޑިއޯ ކުރުމަކީ ކުށެއްކަމަށް ޖެނިފާ ވިދާޅުވެފައިވަނިކޮށެވެ. ޖެނިފާގެ މި ޓުވިޓާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިއްޔެ، ޖެނިފާގެ ބަރަހަނާ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯއެއް ޓްވިޓާ އެކައުންޓަކުން ލީކް ކޮށްލާފައިވާއިރު، މިކަމާއި ގުޅިގެން ޖެނިފާ ވިދާޅުވީ ފޮޓޯއިން ފެންނަނީ އޭނާ ނޫންކަން ފޮޓޯއަށް ރަނގަޅަށް ބެލުމުންވެސް އެނގޭނެ ކަމަށެވެ. ބަރަހަނާ ފޮޓޯއަކީ އޭނާގެ މޫނު ޖަހައިގެން އެޑިޓް ކޮށްފައިވާ ފޮޓޯއެއްކަން ފާހަގަކޮށް ޖެނިފާ ވިދާޅުވީ ފޭސް ރިކޮގްނިޝަން ސޮފްޓްވެއާއިން އެގޮތައް ދައްކަނީ އެހެންވެކަމަށެވެ.
މި ހަފްތާ ތެރޭގައި ރާއްޖޭގެ މަޝްހޫރު ސިޔާސީ ފަރާތްތަކުގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މި މައްސަލަތަކާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.