ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޮންމެ މީހަކުވެސް ރައީސް ޔާމީނަށް އިތުރު މީހަކު ލައްވައި ވޯޓެއް ދެއްވުމަށް މަސައްކަތް ކޮށްދިނުމަށް ޕީޕީއެމްއިން އެދެފިއެވެ.
އައްޑޫސިޓީ ފޭދޫގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިސްމީހުންނާ ރޭ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައްޔިތުން ބޭނުންވާފަދަ ތަރައްގީއެއް ރައީސް ޔާމީން ގެންދަވަނީ ގައުމަށް ގެންނަވަމުން ކަމަށެވެ. އެހެން ކަމުން ދިވެހި ގައުމާއި، ރައްޔިތުންނާއި، މާތްވެގެންވާ އިސްލާމްދީނަށްޓަކައިވެސް އެމަނިކުފާނަށް ދެހާސް އަށާރަވަނައަހަރު ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
“މިގައުމާއި ރައްޔިތުންގެ ހައްގުގައި، އަޅުގަނޑުމެން ސާބިތުވެ މިތިބި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައިވެސް ރައީސް ޔާމީން ދެހާސް އަށާރަ ގެނައުމަށްޓަކައި ހަމަ ކޮންމެ މީހަކުވެސް އިތުރު މީހަކު ހޯދައިގެން އެމީހަކު ލައްވައިވެސް ދެހާސް އަށާރައިގައި ރައީސް ޔާމީނަށް ވޯޓުލުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާ މީހަކަށް އަޅުގަނޑުމެން ވަމާ ހިނގާށޭ،” ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއް ހިންގާއިރު ފަރުދީ ފެންވަރުގައި ހިނގާ ބައެއް ކަންކަމާ ހިތްހަމަނުޖެހިގެން ބައެއް މީހުން ޕާޓީއާ ދުރަށްދާތަންވެސް ފެންނަ ކަމަށެވެ. ބައެއް މީހުން ގާތްވާތަންވެސް ފެންނަ ކަމަށް ވިދާޅުވިއެވެ. އެފަދަ ކަންކަމާ ހިތްހަމަ ނުޖެހުމަށްވުރެ ބޮޑަށް އިޖުމާއީ ގޮތެއްގައިލިބޭ ފައިދާއަށް ވިސްނައިގެން ކުރިއަށްދިޔުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މިސާލަކަށް އޭނާ ދެއްކެވީ ފޭދޫގައި ހިއްކައިފައިވާ ބިމެވެ. އޭގެ ފައިދާ އިޖުމާއީ ގޮތެއްގައި ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.