English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ނަމުގައި ‘ފޭކު’ ޓުވިޓާ އެކައުންޓެއް ހިންގާ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލަ ފެންމަތިވުމާއެކު ނާޒިމްވަނީ އޭނާގެ ޓުވިޓާ އެކައުންޓު ޑީއެކްޓިވޭޓުކޮށް ޓުވިޓާ ބޭނުންކުރުން ހުއްޓާލާފައެވެ. މައްސަލާގައި ނާޒިމުގެ މައްޗަށް އިއްވި 1 މަހާއި 28 ދުވަހުގެ ޖަލު ހުކުމް ތިން މަސްދުވަހު ގޭ ބަންދުކުރުމަށް ބަދަލުކޮށް އެ ހުކުމް ތަންފީޒުކުރުމަށް ފަހު އޭނާ ވަނީ މިނިވަންވެފައެވެ.

ނާޒިމް ސައްތާރު މިނިވަންވި ފަހުން އޭނާގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓަކުން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ޓުވިޓާ އެކައުންޓުގެ މައްސަލަ ފެންމަތިވުމުން ނާޒިމް ވަނީ މިއީ އޭނާގެ ނަމުގައި ހިންގާ ފޭކު އެކައުންޓެއްކަމަށް ބުނެފައެވެ. އަދި މި މައްސަލ މިހާރު ފުލުހުންނަށްވެސް ހުށަހަޅާފައިވާއިރު މިކަމާއި ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.