އެއްޖިންސުން ގުޅުން ހިންގި ނާޒިމް ސައްތާރުގެ ހުކުމަކީ 3 މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުން ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާ އެއްޖިއްސުން ގުޅުން ހިންގާފައިވަނީ ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކުގައެވެ. އަދި ނާޒިމް ވަނީ ކުށަށް އިއުތިރާފުވެ، އެކަމަށް މައާފަށް އެދިފައެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއްނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ކުރިއަށްގެންދިޔަ ހުކުމް ކުރުމުގެ މަޖިލީހުގައި ނާޒިމަށް އިއްވީ، އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ވަނީ ނާޒިމްގެ އެދުމުގެ މަތީންް، ތިން މަހާއި 26 ދުވަހުގެ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ.
ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފުވެ ތައުބާވެފައިވާތީއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.
މީގެތެރެއިން އަބްދުއްރަހުމާން ރަފީއުއަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ކުރިމިނަލް ކޯޓުގައި މިއަދު ފަށާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އޭނާއަށް ވަނީ ދިހަ ދުވަސް ދީފައެވެ.
ނަޝީދުގެ މައްސަލަ މިއަދު ފެށި ނަމަވެސް އޭނާގެ މައްސަލައިގައި ކުރިއަށްދަނީ ވަގުތީ އަމުރަކާ މެދު ގޮތް ނިންމުމުގެ ބައެވެ.
މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.