ބޯހިޔާވަހިކަމަކީ އަސާސީ ހައްގަކަށް ވީ ހިދު އެއީ އިޖްތިމާއީ ގިނަ މައްސަލަތަކާއިވެސް ގުޅިފައިވާކަމެކެވެ. ދިރިއުޅުމެއް ފެށުމަށް ފަހު ކޮންމެ އާއިލާއެއްވެސް ވަކިން ދިރިއުޅުމެއްގައި، އުޅުމުގެ ފުރުސަތު ބޭނުންވެއެވެ، އެކަމުގެ ހުވަންތައްވެސް ދެކެއެވެ. އެހެންނަމަވެސް އައްޑޫ ސިޓީ މީދޫ ރައްޔިތުންނަށް އޮތީ ހަމައެކަނި އެކަމަށް އުއްމީދު ކުރުމެވެ. މީދޫ އިން ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު ލިބިގެންދަނީ މާޔޫސްކަމެވެ. މި މާޔޫސްކަމާއި ޝަކުވާތަކަށް އެއްވެސް ސަރުކާރަކުން އަދި އެއްވެސް ވެރިއަކުވެސް ހައްލު ހޯދައި ދިނުމަށް ބޭނުން ނުވާކަހަލައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، ސަރުކާރުން ބިން ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދި އެތައް ބަޔަކު އަތުން ބޮޑު ހަރަދުތަކެއް ކޮށް ފޯމު ހުށަހަޅާފައިވާއިރު ސަރުކާރު ބަދަލުވުމާއެކު އެ ފޯމްތައް ބާތިލުކުރިއެވެ. ރައްޔިތުންނަށް ލިބުނު މާޔޫސްކަމަށް، އަނެއްކާވެސް އާ އުއްމީދެއް ލިބިގެން ދިޔައީ މި ސަރުކާރުން 2019 ވަނަ އަހަރު ޖުލައި 25 ވަނަ ގޯތި ދޫކުރުމަށް އިއުލާންކުރުމާއި ގުޅިގެންނެވެ.
އައްޑޫ އިން ގޯތި ދޫކުރަން އިއުލާންކުރިތާ އެއް އަހަރު، އަދިވެސް ގޯއްޗެއް ނުލިބޭ!
އޭރުގެ އައްޑޫ ސިޓީ ކައުންސިލުން، ގޯތި ދޫކުރުމަށް އިއުލާންކުރިތާ 1 އަހަރު ފަހުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއްވެސް ވަނީ ނެރުނެވެ. އެހެންނަމަވެސް ގޯތި ދިނުމުގައި ބޭ އިންސާފުން އަމަލުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުން ވަނީ އިހްތިޖާޖުކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫންގައި(ޤާނޫން ނަންބަރު:01/2002)ގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވައިދުގެ 13 ވަނަ މާއްދާގެ “ށ”ގައިވާ ގޮތުގެ މަތިން އެ އިއުލާންގައި ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަހައްދު ހިމަނާފައިނުވާކަމަށް ބުނެ މި މައްސަލަވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ. ދިމާވި ގިނަ މައްސަލަތަކާއެކު 50 ގޯތި ދިނުމަށް ނިންމާ އޭތ ކުރި އިއުލާން ބާތިލްކޮށް، އެ ވާހަކަތައް އެހާ ހިސާބުން ނިންމާލީއެވެ.
އަލަށް އިންތިހާބުވި ކައުންސިލާއި އެކު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް ހައްލެއް ލިބި އަލުން ގޯތި ދިނުމަށް އިއުލާންކުރެވިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެހެންނަމަވެސް ކައުންސިލަށް އެއް އަހަރު ވިއިރުވެސް އެކަމުގެ އެއްވެސް އަލިމަގެއް ނުފެނުނެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލާ ކޮންމެ ފަހަރަކު ބަހަނާއަކަށް ‘ލޭންޑް ޔޫސް ޕްލޭން’ ހަދާފައިވާއިރު، ކައުންސިލުން ‘އެއްވެސް ޕްލޭނެއް’ ނެތިވެސް ބިންތައް ދޫކުރަމުންދާކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
މީދޫ ރައްޔިތުން ގޯއްޗަށް އެދި އާދޭސްކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އައްޑޫ ސިޓީ މީދޫއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުގައި މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ވަނީ ރައްޔިތުންގެ މި ކަންބޮޑުވުން ރައީސް އާއިވެސް ހިއްސާކުރައްވާފައެވެ. އަދި މިކަމާއި ގުޅޭ ގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ރައީސް އަށްވެސް، މީދޫ ކައުންސިލަރު ވަނީ ސިޓީ ފޮނުވާފައެވެ. އެހެންނަމަވެސް މިކަމަށް އެއްވެސް އުއްމީދޫ ޖަވާބެއް ނުލިބުނެވެ. ރައްޔިތުން ޝަކުވާތަކާއި ގުޅިގެން ކައުންސިލަރ ސޯލިހާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީދޫ އިން ގޯތި ދޫކޮށް ދިނުމަށް އެދި ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ އިދާރާއެއްގައި އާދޭސް ކުރެވިފައިވާކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ވެރިކަމާއި ހަވާލުވެ ހުންނެވި ވެރިއަކު އެކަން ކޮށްދެއްވުމުންކަމަށްވެސް ސޯލިހާ ވަނީ ވިދާޅުވެފައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ހުރިހާ ބާރެއް ދޫކޮށްފައިވާކަމައް ބުނެ ވަކާލާތުކުރަމުންދާއިރު، ރައްޔިތުން ތިބެން މި ޖެހުނީ މައި ސަރުކާރާއި ކައުންސިލާއި ދެމެދުގައި ތާށިވެފައެވެ. ރައްޔިތުން އަތުން ފީ އާއި ކުލި ނަގަން އެ ހުންނަ ފޯރި، ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރުމުގައި ވެސް ދައްކަންޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.