English Edition
Dhivehi Edition

ސ. ފޭދޫގައި މާރާމާރީ ހިންގައި ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމަހުގެ އެއް ވަނަ ދުވަހު މެންދަމު ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާއެވެ.

ޒަޔާން މަރާލި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި، 22 އަހަރުގެ މީހެއް އަދި 24 އަހަރުގެ މީހެކެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 18 އަހަރުގެ އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ.

އެ މައްސަލާގައި ފުލުހުންވަނީ މިމަހުގެ ހަވަނަ ދުވަހު 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފައެވެ.