އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ދިޔައަހަރުގެ ޖޫން މަހު ހިންގި މާރާމާރީއެއްގައި މަރާލާފައިވާ ޒަޔާނުގެ މަރުގެ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުއްޖެއް ހިމެނެއެވެ. އެ ކުދިންގެ ބައި ޖުވަނައިލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އާދީއްތަދުވަހު ބާއްވާފައިވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މި އަޑުއެހުމުގައި މައްސަލައިގެ މައުޟޫއީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ, މި މައްސަލައިގައި ގިނަ އަދަދެއްގެ ލިޔެކިޔުުން ހިމެނޭ ކަމަށާއި އެހެން ކަމުން އެ ހުރިހާ ލިޔެކިޔުމެއް ދިފާއަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށް އިދާރީ އަޑުއެހުމެއް އަދި ބާއްވާނެ ކަމަށެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.
ދައުވާއަށް ޖަވާބުދާރީވުން ކުރިއަށްދާނީ އެ ބައިތަކަށްފަހުކަމަށް ގާޒީ ވިދާޅުވިއެވެ.
ޒަޔާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށެވެ. އެވަގުތު ވާހަކަ ދެކެވޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށް ސާމިހް ވިދާޅުވިއެވެ.
އެ މީހުންގެ ތެރެއިން 22 އަހަރާއި 34 ދެމެދުގެ ހަ މީހުންނަކީ ހަތަރު ކުޑަކުއްޖަކު ލައްވައި ޒަޔާނު މަރާލުމަށް ރާވައި، އެކަން އިންތިޒާމް ކުރި މީހުން ކަމަށް ސާމިހް ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ:
މީގެ އިތުރުން މި މައްސަލައިގައި 18 އަހަރު ނުފުރޭ 4 ކުއްޖަކަށް ވެސް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.