ރައީސުލް ޔުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ކުރެއްވެވި 5 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އައްޑޫން ފުރާވަޑައިގެންފިއެވެ.
“އެންމެ ގާތުން” ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން މިމަހުގެ ނަވާރައިން 23 އަށް އައްޑޫސިޓީގެ ހުރިހާ ރަށަކަށް އެކަމަނާ ވަނީ ޒިޔާރަތް ކުރައްވަވާފައެވެ.
އެކަމަނާގެ މިދަތުރުފުޅުގައި އައްޑޫސިޓީގެ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަވާފައިވެއެވެ. މި ބައްދަލުވުން ތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ، އިސްރަށްވެހިންނާ، އަންހެނުންގެ ޖަމިއްޔާތަކުގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުންނާވެސް އެކަމަނާ ވަނީ ބައްދަލުކޮށްފައެވެ.
މެޑަމް ފާތުން ހުޅުމީދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެކަމަނާގެ ޝަރަފުގައި މީދޫ ބަނދަރު ސަރަހައްދުގައި ބާާބަކިއުއެއްގައި ބާއްވާފައެވެ. މި ބާބަކިއުގައި 2 ރަށުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މެޑަމްގެ މި ދަތުރުފުޅުގައި އައްޑޫގައި ވަނީ “އަފިރިންނަސް ތައްޔާރަ” ގެ ނަމުގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ. އެ ޖަލްސާގައި ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި އައްޑޫން ހޮވާލެވުނު ޓީމްގެ މެޗް ވެސް މެޑަމް ވަނީ ޝަރަފުވެރިކޮށް ދެއްވަވާފައެވެ. ސްޓޭޑިއަމް ގައި ހުންނަވައިގެން މެޑަމް ވަނީ ކުޅިވަރު ކުޅޭނެ ސާމާނުތަކެއް އައްޑޫސިޓީގެ ސްކޫލްތަކަށް ހަދިޔާ ކުރައްވާފައެވެ.
މެޑަމް ފާތުން އައްޑޫއަށް ކުރައްވަވާ ދަތުރުފުޅުގައި ހިތަދޫގެ އަމިއްލަ ފަރާތަކުން ހިންގާ ބިއުޓީ ސެލޫނެއްވެސް ހުޅުވައިދެއްވަވާ ފައިވެއެވެ.
މެޑަމް ފާތުންގެ މިދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާ، ސަރުކާރު ކުންފުނިތަކުގެ އެމްޑީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.