ތިނަދޫގައި ހުންނަ ޕަބްލިކްސް ވޯރކްސް ސަރވިސްއިން އެރަށުގައި ޓާޓާ ފްލެޓް އަޅަން ކުރިން ހަމަޖައްސާފައިވާ ބިމުގައި ހުރި ހިލަތައް ޕަބްލިކް ވޯރކްސްގެ ސައިޓަށް ޖަމާކުރާތީ އެކަން ހުއްޓުވުމަށް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ އެސަރަހައްދުގެ ބައެއް ގޭގެއަށް ގޮސް ޕަބްލިކް ވޯރކްސްގެ މަސައްކަތް ހުއްޓުވުމަށް މިއަދު މުޒާހަރާކުރުމަށް ބުނާ ވީޑިއޯތަކެއް އޭއޯ ނިއުސް އަށް ވަނީ ލިބިފައެވެ.
ނަން ހާމަ ނުކުރުމަށް ބުނެ މި ވީޑިއޯތައް އޭއޯ ނިއުސްއާ ހިއްސާކޮށްފައިވާއިރު މީގެކުރިން ތިނަދޫ ކައުންސިލުން ވަނީ މިކަންތައް ހުއްޓުވުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ ޕަބްލިކް ވޯރކްސްއާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެފަހުން އެކައުންސިލުން ވަނީ އެމައްސަލަ އަނބުރާ ނަގާފައެވެ.
ޕަބްލިކް ވޯރކްސްއަށް އެތަނުގައި ހުރި ދަނގަޑާއި ހިލައާއި ހިލަވެލި ބަދަލުކުރުގެ މަސައްކަތް ފަށާފައިވަނީ ޕަބްލިކް ވޯރކްސްގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޕްލޭނިން މިނިސްޓްރީގެ އެންގުމުގެ މަތިންނެވެ. އެތަނުގައި ހުރި ހިލަތައް ޕަބްލިކް ވޯކްސްގެ ސައިޓަށް ބަދަލުކުރާ މައްސަލައިގައި ތިނަދޫ ކައުންސިލުން އެދިފައިވަނީ އެ މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި، ޕަބްލިކް ވޯކްސްގެ ސައިޓަށް ބަދަލުކޮށްފައިވާ ތަކެތި އަނބުރާ އެތަކެތި ހުރި ތަނަށް ބަދަލުކުރުމަށް އަމުރެއް ނެރެދިނުމަށެވެ.