English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ގދ. ތިނަދޫގައި 25 ޓަނުގެ މަސް ފެކްޓްރީ އެޅުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއު އެއްގައި ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބޭ ބާރާއެކު، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް އެހީވުމަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ ކައުންސިލްގެ އިސްނެގުމަށް، ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހުޅުވާލި ފުރުޞަތެއްކަމަށެވެ.

ޑިޒައިން އަދި ބިލްޑް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މި ކާރުޚާނާ ހިންގާނީ ވެސް އަޒްރޯވާ މޯލްޑިވްސްއިންކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ. މި ފެސިލިޓީ ޤާއިމުކުރުމަށް 230000 (ދެ ލައްކަ ތިރީސް ހާސް) އަކަފޫޓުގެ ބިމެއް ރަށުގެ އިންޑަސްޓްރިއަލް ޒޯނުން ކަނޑައަޅާފައިވާއިރު، މި ޕްރޮޖެކްޓްގައި ތެރޭގައި ހިމަނައިގެން 1500 ޓަނުގެ މަސް ފިނިކުރާ ނިޒާމެއް ވެސް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ސައުދު ވިދާޅުވީ އެރަށުގައި 1000ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ސަރުކާރުން ވެސް ހެދުމަށް ނިންމާފައިވާ ކަމަށާއި އެހެންވީމައި މަސް ކިރުމުގައި މަސްވެރިންނަށް އޮތް ދަތިކަމަށް ބޮޑު ޙައްލެއް ލިބޭނެ ކަމަށެވެ. މިކާރުޚާނާއާއެކު ރަށަށް އިތުރު 150 އެއްހާ ވަޒީފާގެ ފުރުޞަތު ހުޅުވޭނެ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

” ސަރަޙައްދުގެ މަސްވެރިކަން ފުޅާކުރުމަށް ވެސް މިއީ އިތުރު ފުރުޞަތަކަށް ވާނެ. ތިނަދޫގައި މިހާރުވެސް މަސްވެރިކަމަށް ނިކުންނަ 17 އުޅަނދު އޮވޭ. އަދި އިތުރު އޮޑިފަހަރުވެސް މި ސިނާޢަތަށް ނެރުމަށް ވަނީ ތައްޔާރުވެފަ.” ސައުދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް 200މިލިއަން ރުފިޔާއަށް އަރައެވެ.