English Edition
Dhivehi Edition

ސަރުކާރުން އައްޑޫގައި މިހާރު ކުރިއަށް ގެންދާ ނަރުދަމާގެ މަޝްރޫޢުގެތެރެއިން އައްޑޫސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ޤާއިމްކުރާ ނަރުދަމާގެ މަސައްކަތް ތާވަލުކޮށްފައިވާ މުއްދަތަށް ނިމޭނެކަމަށް މިނިސްޓަރ އޮފް އެންވައިރަންމެންޓް އެންޑް އެނާރޖީ ތާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލުކުރުމުގެގޮތުން ސަރުކާރުން ފަށާފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށާއި، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެދަށުން މި 3 ރަށުގައި 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓު ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ވަކިން އޮންނަ ހުޅުމީދޫގައި ވެސް ބާރު ސްޕީޑެއްގައި މި މަސައްކަތް ކުރިއަށް އެބަދެއެވެ. އެގޮތުން މީދޫގެ ބޮޑު ސަރަހައްދެއްގައި ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. ހުޅުމީދޫގައި މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ސިއަރާ ކުންފުނިންނެވެ.

މީގެ އިތުރުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީ އާއި ޙަވާލުކޮށްގެން ހިތަދޫ ގައި ކުރިއަށްގެންދާ މަޝްރޫޢުގެދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާ ގުޅުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫސިޓީގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢަކީ ތިންސަތޭކަ ފަންސާސް ތިނެއް ޕޮއިންޓު ފަހެއް 353.5 މިލިއަން ދިވެހި ރުފިޔާގެ ޕްރޮޖެކްޓެކެވެ.