ފުވައްމުލައްސިޓީއަށް ބޮޔަސްފިއަރ ރިޒާވްގެ ލަޤަބް ލިބިއްޖެއެވެ. މި ލަޤަބް ފުވައްމުލަކަށް ލިބުނީ މިހާރު ކުރިއަށްދާ ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލްގެ ބައްދަލުވުމުގައެވެ.
ފުވައްމުލަކުން ބަޔޮސްފިއަރ ރިޒާވް އަށް ހެދުމަށް ހުށައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނަކީ އެ ރަށުން 491.7 ހެކްޓަރު އަދި އެ ރަށާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދުން 461.7 ހެކްޓަރެވެ.
We have a newly designated @unesco_mab #BiosphereReserve: Fuvahmulah, #Maldives. Congrats! ??
Learn more about #BiosphereReserves: https://t.co/UzIEVb1EZs pic.twitter.com/MaQIoWSknK
— UNESCO (@UNESCO) October 28, 2020
އެރަށުން ވަނީ ތިމާވެއްޓަށް ގެއްލުން ލިބޭނެ މަސައްކަތް ނުކުރެވޭނެ 4 ސަރަހައްދެއް (ކޯރ އޭރިއާ) ފާހަގަކުރެވިފައެވެ. އެ ސަރަހައްދުތަކުގެ ބޮޑުމިނުގައި 474.32 ހެކްޓަރ ހިމެނޭއިރު އެއީ ރަށުގެ 15.34 ހެކްޓަރު އަދި ކަނޑުގެ ސަރަހައްދުން 458.98 ހެކްޓަރެވެ. މީގެ ތެރޭގައި ހިމެނެނީ އެކި ކަހަލަ ފަރުތަކާއި ޗަސްބިން ފަދަ ސަރަހައްދުތަކެވެ.
ފުވައްމުލައް ސިޓީގައި ކޯރ އޭރިއާއަށް ސީދާ އަސަރުކުރާ މަސައްކަތްތައް ނުކުރެވޭ ބަފަރ ޒޯންގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނަކީ 302.4 ހެކްޓަރެވެ. އެއީ ރަށުގެ 100.29 ހެކްޓަރ އާއި ކަނޑުގެ ސަރަހައްދުން 202.11 ހެކްޓަރެވެ.
އާދައިގެ ގޮތުން މީހުން ދިރިއުޅޭ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދު، ޓްރާންސިޝަނަލް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޯރ އޭރިއާ އަދި ބަފަރ ޒޯންގެ ބޭރުން ހިމެނޭ ހުރިހާ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގެ ބޮޑުމިނުގައި ހިމެނެނީ 539.15 ހެކްޓަރެވެ. . އެއީ ރަށުގެ 376.07 ހެކްޓަރާއި ކަނޑުގެ ސަރަހައްދުން 163.08 ހެކްޓަރެވެ.