English Edition
Dhivehi Edition
2018 ވަނަ އަހަރު ޕީޕީއެމް އިން މާލޭގައި ބޭއްވި ސައިކަލު ބުރު

އެންމެ ގިނަ މެންބަރުން ވަގަށް ވައްދާފައިވާ ޕާޓީއަކީ ޕީޕީއެމް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، އެކަމުގެ ތަފްސީލް ހޯދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ޖަލްސާގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމްއަށް ވަގަށް މެންބަރުން ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަމުގެ ތަފްސީލް ހޯދަން މިހާރު އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ވަގަށް ޕީޕީއެމްއަށް ވެއްދި މެންބަރުންގެ ލިސްޓެއް ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައި ވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. “އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުންގެ ސޯޓު ބާލުވާފައި މިފަހަރު ހުއްޓާލާނީ. އަޅުގަނޑުމެންނަށް އެބައެނގޭ ކުރަން އެއުޅޭ ކަންކަން.” ޝުޖާއު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ޝުޖާއު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއަކުން ކަމަކަށް އެއްބަސްވި ނަމަވެސް އެ ކޮމިޝަނުން ކޮންމެ ކަމެއް ވެސް ނިންމަނީ ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވަނީ ޕީޕީއެމް އިން މެންބަރުން ވަގަށް ނަގަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމަށް ވިދާޅުވެ، އެ މަނިކުފާނަށްވެސް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. އަދާލަތު ޕާޓީއަށް 10000 މެންބަރުން ހަމަކުރުން އެއީ ރައީސް ސޯލިހްގެ ވައުދެއް ކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއަށް މެންބަރުން ވަގަށް ވެއްދުމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ ސީދާ ރައީސް ސޯލިހްކަމަށެވެ.