English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ހދ. ނޭކުރެންދޫ ކުރިއެރުވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތަކާއި، ކުރައްވަމުންގެންދަވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކުގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ، ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށިވުމުން ހުރި ކަންބޮޑުވުންތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކުޑަކުދިންގެ ޕާކެއްގެ ބޭނުންތެރިކަމާއި، ރަށުގެ ކުނިގޮނޑެއް ޤާއިމްކުރުމާއި، ނޭކުރެންދޫގެ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، ރަށުގެ އިޖްތިމާޢީ ފޭރާމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމަށާ ކައުންސިލުން ޙިއްޞާކުރައްވާފައިވާ މަޢޫލޫމާތުގެ އަލީގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ އެކަންކަމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ކަންކަން ތަރައްޤީ ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.