English Edition
Dhivehi Edition

ކޮޓަރީގެ ތެރޭން ގުޅިފައިވާ ޝާންގެ ކޮޓަރިކޮޅުގެ ދޮރުގައި އާދިލާ ޓަކިޖަހާލިތަން ޒޫނާ ބަލަން ހުއްޓެވެ.

ޒޫނާ ހީކުރީ އެކޮޓަރިކޮޅަށް ވަންނަން އާދިލާ ޓަކިޖަހަން ނުޖެހޭނެ ކަމަށެވެ. ދޮރު ހުޅުވީ ޅަހުއްތު އެވެ. ސައިމޭޒު ދޮށުގައި އާދިލާއަށް ހުރި ގޮނޑި ފަހަތަށް ދަމާލައިގެން އޭނާ އަދަބު ވެރި ކަމާ އެކު ހުއްޓެވެ. އާދިލާއަށް ސައި ހަދާދޭން ޅަހުއްތު އުޅެން ފެށިތަނާ ޝާން ވަޑައިގެންފިއެވެ.

“އާދިލާ ސައި ހަދާފާނެ . ކަލޭ ލޯންޗަށް އެއްޗެހިއަރުވާ ތައްޔާރު ކުރަން ދޭ. ބައިގަޑިއެއްހާއިރުތެރޭ އަހަރެމެން އެބަ ދަން”.

” ހުރިހާ ކަމެއް ހުރީ ތައްޔާރު ވެފަ، އެކަމަކު”

” އެހެންވިއްޔާ ކޮން އެކަމަކެއް. ދޭ އެކޮޅަށް” .

އާދިލާ ސައި ހަދަން ފަށައިފިއެވެ.

ރޭގައި އެހާ އޯގާވެރިކޮށް ކަންތައް ކޮށް ދެއްވި ޝާން މިހާރު އެހުންނެވީ ބަދަލުވެފައެވެ. އޭނާގެ މޫނުފުޅު މަތިން އެ އޯގާވެރިކަމެއް ފެންނާކަށް ނެތެވެ. އެހާ ހަރުކަށި ރާގަކަށް ޅަހުއްތުއާ ވާހަކަފުޅު ދެއްކެވުމަކީ އޭނާ ރުހޭ ކަމަކަށް ނުވިއެވެ.

” އާދިލާ އެ ހުންނެވީ ރަށަށް ފައިބާވަޑައިގަންނަވަން ތައްޔާރު ވެގެން ނޫންހެން ހީވާ ވާހަކަ މިދެންނެވީ. ” ޅަހުއްތު އޮޅުންބޮޅުންވެފަ ހުރެގެން ދެންނެވިއެވެ.

” މިއަދަކީ ހުކުރު ދުވަހެއް ނޫންތޯ. ރަސްމީ މަސައްކަތެއް އޮންނާނެއެކޭ އަޅުގަނޑު ހިއް ނުކުރަން. ”

” އަހަންނަށް ހަފްތާއަކު 7 ދުވަސް ރަސްމީ ވާނެ. އެކަމަކު ކަލޭ ހުސް ދުވަހެއް ބޭނުމިއްޔާ އެހެން ދުވަހެއް ދެވިދާނެ”.

ޝާންގެ ކޮފީތަށްޓަށް ހަކުރެއް ކިރެއް ނާޅުއްވައެވެ. ” މިއީ މަޖާ ކުރަން ކުރާ ދަތުރެއް ނޫނޭ އަހަރެން ވާނީ ކުރީގަ ވެސް ކަލޭގާތު ބުނެފަ “.

” ތިހެންވިއްޔާ އަޅުގަނޑު ހެދުން ބަދަލުކޮށްލައިގެން އެބަ އަންނަން”.

” ތިހެދުން ރަނގަޅު. ރަށަށް ފައިބައިފައި އަތޮޅުވެރިންނާ ބައްދަލު ކުރަން ހަމަޖެހިފަ ވާނެ. ހެނދުނުގެ ނޯޓްތައް ކަލޭ ބެލިނަމަ އެކަން އެނގުނީސް ރަނގަޅު ސެކެޓްރީންނަށް ކުރަން ރޭވިފައި ހުންނަ ކަންތައް އެނގޭނެ “.

” އިއްޔެ އަޅުގަނޑު ބަލިވީއަކީ އަމިއްލަ އިޚްތިޔާރެއްގައެއް ނޫން “. އާދިލާ ނުރުހުން ވެފައި ދެންނެވިއެވެ. ” ތިހާ ވަރަށް އަޅުގަނޑު ކަމު ނުދައްންޏާ މިހާރު މި ވަޒީފާއިން ވަކިކޮށްދެއްވަންވީ ނޫންތޯ؟ އަޅުގަނޑު ރަށަށް ހިނގައިދާނަން.”

” ތި ހެން ހަދައިފި ނަމަ ކަލެއާމެދު އަހަރެން ކުރި އުންމީދުގެ ހުޅުކޮޅުވެސް ނިވުނީއެއްނު”؟ ޝާން ވިދާޅުވިއެވެ. ” އަހަރެން ކަލެއަށް ދެނީ ރަނގަޅު މުސާރައެއްކަމަށް ހީކުރަން. އަދި ކަލޭވެސް އެއާ އެއްވަރަށް މަސައްކަތް ކުރަން ވާނެ. އަދި ބުންނަން. ކަލޭ ރަނގަޅަށް ސައިބޯތި. މިއަދު ވަރަށް ގިނައިރު މަސައްކަތުގައި އުޅެން ޖެހޭނެ “. ޝާން މިހެން ވިދާޅުވެ ނިމުނު އިރު އާދިލާ ހުރީ ކާންފެށި ސެންޑްވިޗް އެހާހިސާބުން ބާއްވާފައި ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

” އަޅުގަނޑު ބަޑުހައެއް ނުވޭ.” މިހެން ބުނި އިރުވެސް އާދިލާ ހުރީ ކުރީ ދުވަހު ނުކައި ހުރުމުގެ ސަބަބުން ވަރަށް ބަޑުހައިވެފައެވެ. އެހެންނަމަވެސް މިކަހަލަ ހަރުކަށި ވެރިއެއްގެ ކުރިމަތީގައި އިނދެ އޭނާ ކާހިތެއް ނުވިއެވެ.

” ކަލޭގެ ސިކުނޑިއަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ. ބައިގަޑި އިރުތެރޭގައި ސިޑި ދޮށަށް އަންނާތި. ޒޫނާގާތު ބުނެގެން އިތުރު ހެދުމެއް ދަބަހަށްލާތި.”

އާދިލާ ކޮޓަރިއަށް ދިޔަ އިރު ޒޫނާ ކޮޓަރީގައި އުޅެއެވެ. އޭރު އޭނާގެ ދަބަހަށް އެއްޗެހި ލަނީއެވެ. ” އިއްޔެ ކަމަނާ އާލާސްކަންފުޅާ އުޅުއްވީމާ ބައްޕަ ބުނެގެން ކަމަނާގެ ދަބަސް ތައްޔާރު ކޮށްލަނީ. ބައްޕަ ބުނީ ކަމަނާ ހަނދުމަފުޅު ނެތި ދާނެޔޭ “. ޒޫނާ ދެންވެސް ބުންޏެވެ. ” އަދި އަޅުގަނޑަށް ނުދެންނެވޭ ދެއްތޯ. ޅަހުއްތު އެއީ އަޅުގަނޑުގެ ބައްޕަ. ޝާންގެ އާއިލާގެނޯކަރަކަށް އޭނާ އުޅެނީ ޝާންތުއްޕުޅު އިރުން ފެށިގެން. އެހެންވެ ޝާން ހިތްޕުޅަށް އަރާ ކަންކަން ވެސް ބައްޕައަށް މިހާރު އެނގޭނެ.”

” ޝާންގެ ހިތްޕުޅުގައި ހުންނަ އެއްޗެހި އަހަރެންވެސް ދަސް ކުރަން ވެއްޖެ. ޝާން ހީފުޅު ކުރައްވަނީ އަހަރެންނަކަށް އެއްކަމެއް ކުރާކަށް ވެސް ނޭނގޭނެޔޭ”. އާދިލާ ފޫހި ރާގެއްގައި ބުންޏެވެ. ” އަހަރެންނަށް ޝާން ނޫން އެހެން ކޮންމެ މީހެއްގެ ވަޒީފާގައިވެސް އުޅެވިދާނެ “.

” ކަމަނާއަށް ވެސް އެބޭފުޅާގެ ވަޒީފާގަ އުޅުއްވޭނެ. ޒޫނާ ބުންޏެވެ. ” މަސްއަލައަކީ އެހާގިނަ ދުވަހު ތައުފީގް އެ ބޭފުޅާގެ ސެކެޓްރީއަކަށް އުޅުއްވާފައިވާތީ. އެހެން މީހަކަށް އެބޭފުޅާގެ ކަންތައް ހުންނަ ގޮތް އެހާ ރަގަނޅަށް ނޭނގޭނެތީ”.

” ތިބުނަނީ ޝާން ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ހަމަ ޗުއްޕުއޭވެސް ނުބުނަންވީއޭތަ؟”

މިހެން ބުނެފައި އާދިލާ ބޭރަށް ނުކުމެއްޖެއެވެ. ޝާންއާ އެކު މަސައްކަތް ކުރަން މާގިނަ ދުވަހަކު ނޫޅެވޭނެޔޭ އޭނާގެ ހިތަށް އެރިއެވެ.

 

މެންދުރުވީއިރު އާދިލާ ބަޑުހައިގެން ތުރުތުރު އަޅައެވެ. 9 ގަޑި ބައިގަ އަތޮޅުވެރިންނާ ރަށުގެ އެހެނިހެން އިއްޒަތްތެރިންނާ އެކު ޝާން ބައްދަލު ކުރައްވަން ފެށްޓެވިއެވެ. މި ކަންތައް އޮތީ އެރަށުގެ އެންމެ އިއްޒަތްތެރި ގެ ކަމަށްވާ ” ހިރިހަމާތު ވިލާގައެވެ”.

މި ހުރިހާ ބޭފުޅުންވެސް ޝާން އަށް ވަރަށް އިހްތިރާމާއި ގަދަރު ކުރެއްވިއެވެ. ޝާން އެރަށުގެ ހާލަތު ހުރި ގޮތް އޮޅުންފިލުއްވާ، އޭނާއަށް ކޮށްދެއްވެން އޮތީ ކޮންކަމެއްތޯ އޮޅުން ފިލުއްވިއެވެ. އަދި ކޮންމެވެސް އެއްކަމަކަށް 3 މިލިއަން ރުފިޔާގެ އެހީފުޅެއް ދެއްވަން ނިންމެވިއެވެ.

އަމިއްލަ ފަރާތަކުން އަތޮޅުގެ ތަރައްގީއަށް މިހާތަނަށް ވެދެއްވި އެންމެ ބޮޑު އެހީފުޅަކީ އެއީ ކަމަށް އަތޮޅުވެރިން ޝާންގެ އަރިހުގައި ވިދާޅުވިއެވެ. އަދި އެ އެންމެންވެސް އެކަމަށްޓަކައި ޝާން އަށް ޝުކުރު ދެންނެވިއެވެ. މި ބޮޑު އެހީފުޅާ ބެހޭ ޚަބަރުތައް މިނިސްޓަރަށްވެސް ދަންނަވާނެ ކަމަށް އަތޮޅުވެރިން ވިދާޅުވިއެވެ.

އަތޮޅުވެރިން ވަޑައިގަތްފަހުންވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ޝާންގެ ފައިންޕުޅު ދެކެން އައެވެ. މި އެންމެނަށްވެސް ޝާން ނުހަނު ދީލަތި ކަމާއެކު އެހީފުޅުތައް ވެ ދެއްވިއެވެ.

މި ކަންތައް ހިނގަމުން ދިޔަ އިރު އާދިލާ އަވަދި ނެތި މަސައްކަތް ކުރަމުން ގެންދިޔައީ ދެކެވުނު ހުރިހާ ވާހަކަތަކެއް ނޯޓްކުރުމަށާއި އަދި ވެ ދެއްވަން ވިދާޅުވި އެހީފުޅުގެ ކަންތައް ހަމަޖެއްސުމަށެވެ. މި ވޭތިވެ ދިޔަ 2 ގަޑި އިރު އޭނައަށް ހަމަނޭވައެއްލާނެ ފުރުސަތެއްވެސް ނުލިބެއެވެ.

އާދިލާ މި ބޯޓަށް އެރިފަހުން ފޯނެއްގެ އަޑު އިވުނު ފުރަތަމަ ފަހަރަކީ މިއީ އެވެ. އެއީ ލަރީސާގެ ކޯލެކެވެ. ޝާން އޭރު އިންނެވީ ސޯފާގައި ނޫހެއް ބައްލަވާށެވެ. ފޯންގައި އަތްޕުޅު އަޅުއްވާފައި ” 10 މިނިޓްފަހުން ކާން ދާން ތައްޔާރުވޭ.” މިހެން ވިދާޅުވިއެވެ. އެއީ އާދިލާ އެތަނުން ދާށޭ އެންމެ ރީތިކޮށް ވިދާޅުވާނެ ގޮތް ކަން އޭނައަށް ވިސްނުނެވެ. އާދިލާ ދުރަށް ހިނގައިގެންފިއެވެ. އޭނާ ނުކުތުމުން ޝާންއަށް ހިތްހަމަޖެހުމެއ ލިބި ވަޑައިގެންނެވި ކަން ފާޅުވާ އަޑު ފުޅަކުން ވިދާޅުވި އަޑު އިވުނެވެ. ” ހެލޯ ލަރީސާ . ގުޅާލިކަން ހާދަ ރަނގަޅޭ ”

ޝާން ނުކުމެވަޑައިގަތީ އޭގެ 20 މިނިޓް ފަހުންނެވެ.

” ކުޑަކޮށް ލަސްވެއްޖެ ދޯ . ހިނގާ އަވަހަށް ކާން ދާން.” މިހެން ވިދާޅުވެފައި ކާކޮޓަރިއާ ދިމާއަށް ވަޑައިގަންނަވަން އުޅުއްވާފައި ވިދާޅުވިއެވެ. ” ކާން ތައްޔާރު ވީތޯ ބަލާލަ ބަލަ. އަހަރެން އެބަ އަންނަން.”

ޝާން ވަޑައިގެންނެވި އިރު އާދިލާ ހުރީ އެރަށު މީހަކާ ވާހަކަ ދައްކާށެވެ. އޭނާ ދިޔައިމާ ޝާން އެއްސެވިއެވެ. ” ކަލެއަށް ތިޔަހާ ރަނގަޅަށް މިރަށު ބަހުން ވާހަކަދައްކަން އެނގުނީ ކިހިނެއް .”

” އަޅުގަނޑު ވަރަށް އަވަހަށް ދަސްކުރަން.”

” މިއަދު މެންދުރުފަސް އަދި މާ ބުރަވާނެ. ކަލެއަށް ހިފަހަށްޓާލެވޭނެތަ؟

“މިހާރު މުޅިން ގަދަވެއްޖެ.” އާދިލާގެ ބޮލުގެ ރިއްސުން މިހާރު މުޅިން ރަނގަޅުވެއްޖެއެވެ. އެހެންނޫނަސް އޭނާ އަޒުމު ކަނޑައަޅާފައިވަނީ ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް މި ދަތުރު މިހެން ހިފަހަށްޓާލުމަށެވެ. އޭނާ ޝާންއަށް ދައްކަން ބޭނުންވަނީ އޭނައަކީ އަންހެނަކަސް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އޭނައަށް ކުރެވޭނެ ކަމެވެ.

ކާން ތިބި އިރަކު އިތުރު ވާހަކައެއް ނުދެކެވެއެވެ. އާދިލާ ކެއީ އޮޅު އަލަޔާއި، ތެއްލި ރިހާކުރާއި، ހުންޏާއި ވަޅޯ މަހެވެ. އޭނާ ވަރަށް ގަޔާވެފައި އިނދެގެން ރަނގަޅަށް ކެއެވެ.

ކައި ނިމުނީމާ ޝާން ވިދާޅުވިއެވެ. ” މިރަށުގައި ހުންނަ ދިވެހި ކެއުން ވަރަށް މީރު. ކަލޭ މިރަށަށް އައިންތަ؟”

” އެއްފަހަރަކު އައިސް ދެތިން ހަފްތާއެއްވަންދެން ހުރިން. މިރަށުގެ ރަނގަޅީ ކެއުން އެކަންޏެއް ނޫން އިނގޭތޯ. މީހުންވެސް ވަރަށް ރަނގަޅު. ވަރަށް ހިތްހެޔޮ. އަޅުގަނޑު މިރަށް ދެކެ ލޯބިވަނީ އެހެންވީމަ.”

“މިއީ މާލެ ފިޔަވައި އަހަރެންވެސް އެންމެ އުޅޭ ހިތްވާ ރަށް.” ޝާން ވިދާޅުވިއެވެ. ” މިއީ އަހަރެންގެ މަންމަގެ އުފަން ރަށް.”

ކާ ކޮޓަރިން ނުކުންނަން ދަމުން އާދިލާ އަހާލިއެވެ. ” ލަރީސާ ވަޑައިންނަވަނީ ތޯ؟”

” ނޫން. ލަރީސާ އަދި އަންނަ ގޮތަކަށް ނޫން.”

” އަޅުގަނޑު ހީކުރީ….”

” ކުރީގަ ވެސް އޮތީ ލަރީސާ އަންނަ ގޮތަކަށް ނޫން. އަހަރެން އެ ގޮތް ދެއްކީ ރިޕޯރޓަރުންނަށް އޮޅުވާލަން.”

” ތިހެން އަލީއަފީފު އަޅުގަނޑުގާތުގަ ވެސް ބުނި.”

” އޭނާ ވާހަކައެއް ހަދާލީތާ! މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަންނަހިތް އޭނާ ވަރަށް ވާނެ. އޭނާ ލިޔާހިތްވާނީ އެކަހަލަ ވާހަކަ .” ދެން ވެސް ޝާން ވިދާޅުވިއެވެ. ” އަހަރެން މިއުޅެނީ މޮޅު ކަމެއް ރާވާލަން. އެކަމަކު އެކަން ކުރެވެން އޮތީ ކަލޭ މީހަކާ ރައްޓެހިވެގެން ނޫޅޭނަމަ .”

” އަޅުގަނޑުގެ އެކަކުވެސް މިހާރަކު ނެތް.” ކުރު ގޮތަކަށް އާދިލާ ދެންނެވިއެވެ.

” ތިއީ ހައިރާންވާ ވަރުގެ ކަމެއް. މި ޒަމާނުގަ ކަލޭ ކަހަލަ ރީތި ކުއްޖަކު ހުސްކޮށް ހުރުމަކީ ހާދަ ނާދިރު ކަމެއް!. ކަލޭގެ ކުޑަ އިޝާރާތަކަށް ވެސް މި ބޯޓަކު ނޫޅޭނެ ކަލެއަށް ނޫނެކޭ ބުނާނެ މީހަކު”.

” މީހުން ބަލަނީ ސޫރައަކަށް ނޫން. އާއިލާއާއި އިއްޒަތަށް ވެސް ބަލާނެ. އެކަމަކު ފައިސާވެރިންނަކަށް އިއްޒަތެއް އަބުރެއް ބޭނުމެއް ނޫން. ފައިސާ ހުރިއްޔާ ބޭނުން މީހަކު ގަނެވެސް ލެވިދާނެ”.

މި ބަސްތައް ދުލުން ބޭރު ކޮށްލެވުނީތީ އޭނާ ދެރަވިއެވެ. މި ބޭޒާރު ކޮށްލެވުނީ އޭނާގެ ހަޔާތުގެ ވަރަށް ބޮޑު ސިއްރެކެވެ.

“އާއިލާއާ އިއްޒަތާހެދި ކަލޭ ދޫކޮށްލާނީ މޮޔައެއް. ”

މިހެން ވިދާޅުވެފައި އާދިލާގެ އަތުގައި ލުއިގޮތަކަށް ހިއްޕަވައިގެން ދޮރާއްޓާ ހަމަޔަށް ވަޑައިގެންނެވިއެވެ.

” އަހަރެން މިއުޅެނީ އަލީ އަފީފަށް ރީއްޗަށް އޮޅުވާލަން. ކަލެއަށް ވެސް އެކަން ވާނީ މަޖާކަމަކަށް.”

ޝާން އެ ވިދާޅުވަނީ އޭނާ ޝާން އާއެކު ގާތް ގުޅުމެއް ބާއްވާކަމަށް އަލީ އަފީފަށް ދެއްކުން ކަން ވިސްނުނެވެ. ދައްކަން ބޭނުންވަނީ އޭނާ އަކީ ހަމަ އެކަނި ސެކެޓްރީއެއް ނޫން ކަމާއި އެ ދެމެދުގައި އެއަށްވުރެން ފުން ގުޅުމެއް ހިގަމުންދާކަމެވެ. އާދިލާ އޭނާގެ ވެރިމީހާގެ ރަތުލޯ ކުލައިގެ މޫނަށް ބަލާލިއެވެ. އޭނާ އޭރު ހުންނެވީ ދުރުން ފެންނަން އޮތް ނޫ އުޑާއި އެ ހިތްގައިމު މަންޒަރަށް ބައްލަވާށެވެ. މި ކުރަން ޖެހުނީ އާދިލާ މާ ގަޔާވާ ކަހަލަ ކަމަކަށް ނުވިއެވެ. އެހެންނަމަވެސް އަލީ އަފީފަށް އޮޅުވާލުމަކީ އޭނާވެސް ކުރާހިތްވާ ކަމެކެވެ.

” ތިއީ އަސްލުގަ ވެސް ވަރަށް ބޮޑު ކަމެއް.” އާދިލާ އޭނާގެ ހިތުގައި އޮތްގޮތް ހާމަ ކުރިއެވެ.

” އެ ކީއްވެތަ؟ އަހަރެން އެގޮތް ދައްކާނީ އަފީފަށް ފެންނަ ތަންތަނުގައޭ.” ޝާން މިހެން ވިދާޅުވެފައި ހިނިފުޅުވަޑުވާލި ގޮތުންވެސް މިއީ އާދިލާއަށް މާ ފަސޭހަ ކަމަކަށް ނުވާނެކަން ވިސްނުނެވެ.

” ކީއްވެ ނުކެރެންވީ؟ އަގުވެއްޓިދާނެތީ ބިރު ގަންނަނީ ތަ؟ ދިރި އުޅުމުގަ އެއަކީ ކަންބޮޑުވާންވީ ކަމެއް ނޫން. އަސްލުގަ މިކަމަކުން ކަލޭގެ އަގެއް ނުވެއްޓޭނެ”. ޝާން މިހެން ވިދާޅުވީ އާދިލާގެ ހިތުގައިވާ އެއްޗެއް އެނގިވަޑައިގެންހެން ހީވާ ކަހަލަ ގޮތަކަށެވެ.

” ތި ބޭފުޅުންނަކަށް އެއަކީ ކަމަކަށް ނުވެދާނެ. އެކަމަކު އަޅުގަނޑުމެން ކަހަލަ އާދައިގެ މީހުންގެ ގާތުގަ މީހާގެ އަގަކީ ވަރަށް ބޮޑު އެއްޗެއް. ތި ބޭފުޅުން ދުވަހަކުވެސް ދަތި ހާލެއްގަ އުޅުއްވާކަށް ޖެހިވަޑައިގެންފައެއް ނޯންނާނެ”.

އާދިލާ މިހެން ދެންނެވީ ޝާން ވިދާޅުވާ އެއްޗެއް ބެލުމަށެވެ. ޝާން ބޭނުންފުޅުނަމަ އޭނާއާ އެކު ކޮންމެ ކަހަލަ ގޭމެއް ކުޅުމަށް ވެސް ތައްޔާރަށް ތިބޭނެ އަންހެން ކުދިން މަދެއް ނުވާނެކަން އޭނައަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް ޝާންގެ ހަޔާތުގައި އެކަކުވެސް ނެތްކަން އޭނައަށް ފާހަގަ ކުރެވުނެވެ.

” ކަލޭގެ ތައުފީގުބެ އަހަންނާ ބެހޭ މާގިނަ ވާހަކައެއް ކަލޭގެ ގާތު ދައްކާފަ ނޯންނާނެކަން އެނގޭ.”

ޝާން މިހެން ވިދާޅުވީ ވަރަށް ގާތް ގޮތަކަށެވެ.

” އަޅުގަނޑަށް ތިބޭފުޅާއާ ބެހޭގޮތުން އެނގުނު އެއްޗެއް އެނގުނީ އަލީ އަފީފްގެ ފަރާތުން .”

“ކަލޭ ގާތު ލައްކަ ވާހަކަ އޭނަ ދައްކައިފި ތާ .”

” އޭނަ އުޅުނީ ތިބޭފުޅާއާ ބެހޭ ކަންތައް އަޅުގަނޑުގެ ގާތުން އޮޅުން ފިލުވުމަށް. އޭނަ ހީކުރީ ހުރިހާ ކަމެއްވެސް އަޅުގަނޑަށް އެނގޭ ކަމަށް. މި ދެތިން ދުވަހުން އަޅުގަނޑަށް މާގިނަ ކަމެއް ނޭނގޭނެ ކަމެއް އޭނައަކަށް ނުވިސްނުނު. އަދި އަޅުގަނޑު އެހެން ބުނީމަވެސް ގަބޫލެއް ނުކުރި”

“މަގޭ ހުރިހާ ކަމެއް އެކަކަށް ވެސް ނޭނގޭނެ. ނޫން. އެކަކު ހުންނާނެ “.

އެއީ ލަރީސާތޯ އަހާލަން އާދިލާގެ ހިތަށް އެރިއެވެ. އެކަމަކު އެހެނެއް އޭނާ ނޭހިއެވެ.

-ނުނިމޭ-