“ފުނަރަ ޕްރޮގްރާމް”ގެ ދަށުން މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)” ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މިކޯހުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ އެއްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މެޕްސް ކޮލެޖާ ގުޅިގެން ދަރިވަރުންނަށް މިފަދަ ފުރުސަތެއް ހޯދާދިނުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ބާރުވެރިވުމަށް ޒުވާނުންނަށް ބޭނުންވާ ހުނަރުތައް އުނގަންނައިދީ، އެފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މެޕްސް ކޮލެޖުން މިކޯހާ ގުޅޭގޮތުން ވިދާޅުވި ގޮތުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއާ ގުޅެން ޝައުޤުވެރިވާ ފަރާތްތަކަށް ލުއިފަސޭހަގޮތަކަށް ކިޔެވުމުގެ ފުރުޞަތު ހޯދާދިނުމަށާއި މިދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވުމާއެކު ވަޒީފާގެ މާޙައުލުގައި އެދަރިވަރުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަކީ ޓްރާންޕޭރަންސީ މޯލްޑިވްސްއާއި ގުޅިގެން މިފަދަ ކޯހެއް ހިންގުމުގެ އެންމެ މުހިއްމު އެއް މަޤްޞަދެވެ. އަދި ހަމައެހެންމެ މިކޯހަކީ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް މަތީތަޢުލީމު ހާސިލްކުރުމަށް އެޅޭ ބިންގަލަކަށްވާނެ ކަމަށްވެސް މެޕްސް ކޮލެޖުން މަޢުލޫމާތު ދެއެވެ.
މިކޯހުގައި ބައިވެރިވާ ފަރާތްތަކަށް އިންފޮރމޭޝަން ޓެކްނޮލޮޖީގެ މާއްދާތަކުގެ އިތުރުން ވަޒީފާގެ މާޙައުލުގައި މުޢާމަލާތްކުރާނެގޮތްތަކާއި، އެތިކްސް އަދި މަސައްކަތުގެ މާޙައުލުގައި ވަގުތު ބޭނުންތެރިގޮތުގައި ހިފާނެގޮތުގެ އުކުޅުތައް ކިޔަވާދޭނެއެވެ. މީގެއިތުރުން މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޚާއްޞަ އިންޓާންޝިޕް ފުރުޞަތުތަކެއްވެސް ލިބިގެންދާނެކަމުގައި މެޕްސް ކޮލެޖުން މަޢުލޫމާތުދެއެވެ.
ޢުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ފަރާތަކަށްވެސް މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ. ކޯހުގެ ކިޔެވުން ޖޫން މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރީތައް ވަމުން އަންނައިރު، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ޖޫން 2022 ވަނަ ދުވަހުގެ ކުރިން ކޮލެޖުގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މެޕްސް ކޮލެޖުން އިލްތިމާސް ކުރެއެވެ.
ޔޫއެސްއެއިޑްގެ އެހީގެ ދަށުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި މެޕްސް ކޮލެޖު ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހަކީ އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ރަނުގެ ފުރުސަތެކެވެ.