English Edition
Dhivehi Edition

މީޑިއާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެކަމަށް މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހުބާން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވާފައެވެ.

ޝަހުބާން ވިދާޅުވީ މީޑިއާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެކަމަށެވެ. ނަމަވެސް ބަޔަކު އޭނާގެ މަގާމުގެ ދަހިވަތިކަމުގައި ފެށުނީއްސުރެ ވެސް މަސައްކަތް ކުރަމުންދާކަމަށް ޝަހުބާން ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މިހާރު އެކަން މާ މައްޗަށް ގޮސް ނަފުސަށް ވެސް ރައްކާތެރިކަމެއް ނެތުމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހުބާން ވިދާޅުވީ މީޑިއާ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިފިނަމަ ކުރިއަށް އޮތް، ނޫސްވެރިންގެ އެވޯޑް ހަފްލާވެސް ބޭއްވިދާނެކަމާ މެދު ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އޭނާ ކައުންސިލްގެ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ދާތީ ބައެއް މެމްބަރުން ޖަލްސާތައް ބޮއިކަޓް ކުރައްވަމުންދާ ކަމަށް ޝަހުބާން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝަހުބާން ވަނީ ކައުންސިލުން ބާއްވާ ކޮމިޓި ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ އިރުވެސް އެ ބައްދަލުވުންތައް ނުބާއްވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުން ޝަހުބާން ވަކި ކުރަން ނިންމީ އޭނާގެ ބޭބެ އަދި ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއާއެކު ކިންގް ފޮރެކްސް ޓްރޭޑާޒްއިން ޕޮންޒީ ސްކީމެއް ހިންގައި މަނީ ލޯންޑްރިން ކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.