ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރުގެ ބޯތަލެވުމުން، ވިގެއް ޖަހައިގެން އުޅޭކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ ރަންބީރު އެއާޕޯޓަށް ދިޔަތަނުން ޕަޕަރާޒީން ނަގާފައިވާ ވީޑިއޯތަކެއް އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ރަންބީރު ހުރީ ވިގެއް ޖަހައިގެންކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އުމުރުން 39 އަހަރުގެ ރަންބީރަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާއިރު އޭނާގެ ސަޕޯޓަރުން ވަނީ ރަންބީރުގެ ދިފާއުގައި ނިކުމެފައެވެ.
މި ގޮތުން ރަންބީރުގެ ދިފާއުގައި ނިކުތް އޭނާގެ ސަޕޯޓަރުން ބުނީ އެއީ އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދައި ހާވާލާފައި ހުރުމުން ހީވާ ގޮތެއް ކަމަށެވެ. އަދި އެއީ އޭނާގެ އަސްލު އިސްތަށިގަނޑު ކަމަށް ބުނެ އެމީހުން ވަނީ ފާޑުކިޔާ މީހުންނަށް ވަރުގަދައަށް ރައްދުދީފައެވެ.
މި ވާހަކަތަކާއި ގުޅިގެން މިހާތަނަށް ރަންބީރުގެ ޓީމުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.