English Edition
Dhivehi Edition

ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން 20 އަހަރުގެ ހަނާ އަކީވެސް އެ އުމުރުގެ އެހެން ކުދިންނެކޭ އެއް ގޮތަށް ފޮނި ހުވަފެންތަކެއް ދެކެމުން ދިޔަ ޒުވާނެކެވެ. ރަނގަޅު ނަތީޖާއަކާއި އެކު އޯލެވެލް ނިންމާލި ހަނާގެ އެންމެ ބޮޑު އެއް ހުވަފެނަކީ ނަރުހަކަށްވުމެވެ.

އުމުރުން 17 އަހަރުގައި އެންމެ ފުރަތަމަ ހަނާއަށް ދިމާވި މައްސަލައަކީ ކުޑަކަމު ނުދެވޭ މައްސަލައެވެ. ބައެއް ދުވަސް ދުވަހު އެއްކޮށްހެން ކުޑަކަމު ނުދެވެއެވެ.ހަނާއަށް، ކުޑަކަމު ނުދެވި ހުރެފައި، ދެން ފެށީ ކުޑަކަމުދާއިރު ލޭ އަންނާށެވެ. ހަނާއަށް ދިމާވާން ފެށި މައްސަލަތައް އިތުރަށް ގޯސްވެގެންދިޔައީ، ނޭފަތުން ހޯސްލައިފައި ލޭ އަންނަން ފެށުމުންނެވެ. ނޭފަތުން އަންނަމުންދިޔަ ލޭ ނުހުއްޓިގެން، ހޭނެތޭ ފަހަރުވެސް އައެވެ.

ރަށު ހޮސްޕިޓަލާއި އައިޖީއެމްއެޗް އިން ފަރުވާ ހޯދުމަށްފަހު ހަނާ އިންޑިއާއަށް އައިސް ދެއްކީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ހަނާގެ ބަލި ދެނެގަނެވޭ ގޮތް ނުވުމުން ދެން ދެއްކީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ހެދި ޓެސްޓްތަކުން ކޮންމެ ވެސް ވަރަކަށް ބަލި ދެނެގަނެވުނެވެ. ހަނާގެ ބައްޔަކީ ކްޝިން ސިންޑްރޮމްކަމަށް ޑޮކްޓަރުންގެ ޓީމުން ބުނި ކަމުގައި ވިޔަސް، ބަލި ޔަޤީނެއް ނުކުރެއެވެ.

ކްޝިން ސިންޑްރޮމަކީ ހަށިގަނޑުގައި ކޯޓިސޯރޯލް އުފައްދައިދޭ މިންވަރު އިތުރުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ކަށިތައް ފީވެ، މީހާ ދުޅަވެ، ލޭގެ ޕްރެޝަރު މަތިވާ ގޮތް ވެއެވެ.

ހަނާގެ ބައްޔަކީ ކްޝިން ސިންޑްރޮމް ކަމަށް ނިންމިޔަސް ހަނާއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނާރުތައް ފަޅައިގެން ދިއުމުގެ މައްސަލައެވެ. މީގެ އިތުރުން ހަނާގެ މަސްގަނޑަށް ލޭ ގޮސްގެން، މަސްގަނޑު ހަލާކުވުމާއި، ކުޑަކަމުދާއިރު ގައްޔާއި ހޮޑުލާއިރުގައި ލޭ އައުމާއި ނިޔަފަތިތަކުން ދޮސް އައުން ފަދަ ވޭން ހުރި އެތައް ކަމަކާއި ހަނާ ދަނީ ހަނގުރާމަ ކުރަމުންނެވެ

ހަނާއަށް ފަރުވާކުރުމަށް އާއިލާއިން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނައިރު ހަނާގެ ކިޑްނީގެ މަތީގައި، އެޑްރެނަލައިން ގްލޭޑްގައި ވަނީ ޓިއުމަރެއް ވަނީ އުފެދިފައެވެ. އެ ޓިއުމަރު ނެގުމަށް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އޮޕަރޭޝަނެއްވެސް ކޮށްފައިވާއިރު އެ އޮޕަރޭޝަނަށް ފަހު އޭނާއަކަށް ނުހިނގެވެ. ” ބަލީގެ ސަބަބުން ކަށިތައް ވަރަށް ބޮޑަށް ހަލާކުވެފައިވަނީ. އޮޕަރޭޝަނަށްފަހު ވީލް ޗެއާރގައި އުޅެންޖެހިފައިވަނިކޮށް އަނެއްކާވެސް މި ވަނީ ރައިޓް ސައިޑް އެޑްރެނަލައިން ގްލޭޑް އޮޕަރޭޝަން ކުރަންޖެހިފައި. މިހާރު ފަރުވާ ހޯދަމުން މިދަނީ އަމްރިތާ ހޮސްޕިޓަލުން. އެކަމަކު ޑޮކްޓަރު ލަފާދެއްވަނީ ބަންގްލޯރަށް ދާން. އެކޮޅުގަ ވާނީ ކިތެއް ދުވަސްކަމެއްވެސް ނޭގޭ. އެނެއްކާވެސް ހަނާއަށް ބްލީޑިންގެ މައްސަލަވެސް ވަނީ ކުރިމަތިވެފައި” ހަނާގެ ހާލަތު ކިޔައިދެމުން ހަނާގެ ދެބޭން ދެދަރި، މުނާ ބުންޏެވެ.

ހަނާގެ ފަރުވާއެށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. އަދި ފަރުވާއަށް ގިނަ ދުވަސްތަކެއްވަންދެން ރާއްޖެއިން ބޭރުގައި މަޑުކުރަންޖެހިފައިވާއިރު، މި މަހުގެ ތެރޭގައި، އޮޕަރޭޝަންކުރުމުގެ ކުރިން ހަދަންޖެހޭ އެންމެ ޓެސްޓަކަށްވެސް ވިހި ހާހަށްވުރެ ގިނަ ފައިސާ ބޭނުންވެއެވެ،

ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“އެމީހެއްގެ އަޚާގެ ޙައްޤުގައި، އޭނާއަށް އެހީތެރިވެދިނުމަށް މަސައްކަތްކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްމެ ޞަދަޤާތެއްވެއެވެ.”

ހުސްނާ މުހައްމަދު (ހަނާގެ މަންމަ)
އެކައުންޓް ނަމްބަރު: 7730000031313