English Edition
Dhivehi Edition

ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހަފުލާގައި ރައީސް ސާލިހު ވަނީ ކަރަންޓު ޚަރަދު ކުޑަކުރުމާއި، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ފަދަ ކަންކަން މުހިންމުކަމުގައި ފާހަގަކުރައްވައި، ހުރިހާ ދިވެހިންގެ ކިބައިން އެކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން މި އެމަނިކުފާނު ވިދާޅުވީ މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި، އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު މިރާއްޖެ ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާފައިވާކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ޙިމާޔަތްކުރުމުގެ ސިޔާސަތުތައް ފަދަ ސިޔާސަތުތަކުގެ ނަތީޖާ، ޤައުމީ ފެންވަރުގައި ފެންނަން ފަށާނީ، ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ.

މިގޮތުން، އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއްކަމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީވެސް، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް އޮފީހަކީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށްވާތީ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރެއްވީ ރައީސް އޮފީހުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޒަމާނުއްސުރެ ސަރުކާރު ހިންގުމުގައި ރައީސް އޮފީހުން އަދާކުރައްވަމުން ގެންދެވި ދައުރު ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޚިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަޚުލާޤުކަމުގައި ވިދާޅުވެ، އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިއްބެވޭ އެއް ސަބަބަކީ ވެސް، އެ ސިފަކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާންޖެހޭނެ އޮފީހެއްކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް އޮފީހުގެ މުވައްޒަފުންގެ ޢަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއްކަމުގައި ވިދާޅުވެފައެވެ. އަދި، އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ ޢަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާއި، މިއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރު ވެސް ރަނގަޅު ނަމޫނާއެއް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ޢުމުރުފުރާއަށް ބަލާއިރު ވެސް، ޢުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިއްބެވިކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިޔުމުގެ ބޭނުންތެރިކަމަށް އެކަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.