އައްޑޫ ސިޓީ ހިތަދޫގައި ބިއުޓީ ޚިދުމަތް ދެމުންދާ ތާނިޔާ ސެލޫން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ހުޅުއްވައިދެއްވައިފިއެވެ.
އިއްޔެ ހަވީރު އޮތް ރަސްމިއްޔާތުގައި ސެލޫން ހުޅުއްވައި ދެއްވުމަށްފަހު މެޑަމް ފާތުން ވަނީ ސެލޫންގެ ޚިދުމަތްތަކާ ބެހޭ ގޮތުން އޮޅުން ފިލުއްވަވާ ، މެޑަމް ފާތުން ދެއްވާ އަހަމިއްޔަތުގެ ދަށުން ސެލޫންގެ ޙިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތަށް މެޑަމް ފާތުންނަށް ދަޢުވަތު އަރުވާފައިވަނީ އެކަމަނާ އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަނބަލުންނާ ބައްދަލުކުރައްވަން ހިތަދޫއަށް ވަޑައިގެންނެވުމުން ސެލޫންގެ އޯނަރު ރަޒާލާ ޝަރީފު (ރޯޒީ) އެވެ.
މެޑަމް ފާތުން ރޯޒީގެ ދައުވަތު ގަބޫލުފުޅުކުރައްވަވާ ސެލޫނަށް ވަޑައިގެން ދެއްވުމަކީ ލިބިގެން ދިޔަ ޝަރަފެއް ކަމަށް ރޯޒީ ވިދާޅުވިއެވެ.
“މެޑަމް ފާތިމަތު އިބްރާހިމް ފަދަ ކަނބަލުންގެ މަސައްކަތްތަކަށް މިފަދަ އަހަމިއްޔަތުކަމެއް ދެއްވާ ބޭފުޅަކު ވަޑައިގެން ސެލޫން ހުޅުއްވާދެއްވިކަމީ ލިބުނު ޝަރަފެއް. އަދި ކުރިއަށް އޮތްތަނުގައި ޚިދުމަތް ފުޅާކުރުމަށް މިއީ ލިބުނު އިތުރު ހިތްވަރެއް. އެކަމަނާއަކީ އަބަދުވެސް ކަނބަލުންގެ މިފަދަ މަސައްކަތްތަކަށް ހިތްވަރު ދެއްވާ ކަނބަލެއް. މިފުރުސަތުގައި ދަޢުވަތު ޤަބޫލުކުރައްވާ ވަޑައިގެންދެއްވީތީ އެކަމަނާއަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން” ރޯޒީ ވިދާޅުވިއެވެ.
ރޯޒީ އަކީ އައްޑޫސިޓީގެ ހިތަދޫގައި އެންމެ ފުރަތަމަ ބިއުޓީ ސެލޫނެއް ހުޅުވައިގެން ޚިދުމަތް ދޭންފެށި އެއްފަރާތެވެ. ތާނިޔާ ސެލޫން ހުޅުވުމަށް ފަހު އައްޑޫގެ އެކި ރަށްރަށުގައި ރޯޒީ ވަނީ ބިއުޓީ ވޯކްޝޮޕްތައް ހިންގައި މުޅިން ހިލޭ ސާބަހަށް ގިނަ ޒުވާނުންތަކެއް ތަމްރީނު ކޮށް މި ދާއިރާއަށް ނެރެފައެވެ. މީގެ އިތުރުން ރޯޒީ ވަނީ ބ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ކުޅުދުއްފުއްޓާ، ލ އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ރޯޒްލީ ވަނީ ޓްރެއިނިންގް ތަކެއް ކުރިއަށް ގެންގޮސްފައެވެ.
ސެލޫންގެ ޚިދުމަތުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ބޭނުންވާ ތަފާތު އެކި ބާވަތްތަކުގެ މަސާޖުގެ ޚިދުމަތަކީވެސް މި ސެލޫން އިން ދެމުންގެންދާ ޚިދުމަތެކެވެ.