English Edition
Dhivehi Edition

އައްޑޫގެ މަގުތައް ހަދަން ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ ޙަވާލުކުރަން ނިންމާފައިވާ ކަމަށާއި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމް އިން އައްޑޫސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ މަޝްރޫއެއް ކަމަށެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކުން މަގު ހެދުމުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމުގައެވެ.

އައްޑޫގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަދައްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފޭދޫގެ ހިއްކި ބިމުގައި ހަދަން ނިންމާފައިވާ 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން މިހާރު އޮތީ ޓެންޑާ ކުރުމުގެ މަރުހަލާގައި ކަމުގައެވެ.އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި އަޅާފައިވާ 264 ފްލެޓާއި ހުޅުމީދޫގައި އަޅާފައިވާ 48 ފްލެޓް މި އަހަރު ނިމުމުގެ ކުރިން ހައްގުވެރި ފަރާތްތަކާ ހަވާލު ކުރާނެ ކަމުގައެވެ.