English Edition
Dhivehi Edition

މިހާރު ލީގު ކުޅުން ނިމިއްޖެ ކަމަށާއި އަންނަ އަހަރުގެ ފައިނަލަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ ކުރިއަށް ގެންދިޔަ “އަފިރިންނަސް ތައްޔާރަ” ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ، ޕީޕީއެމުން ފައިނަލަށް އައީ ލީގު ކުޅެފައި ކަމަށެވެ.

“އެއީ ހަތެއް ސުމެއް، ތޭރަ ސުމެއް، ފަހެއް ސުމެއް. ފައިނަލުން އަޅުގަނޑުމެން އެބޭފުޅުން (އިދިކޮޅު ފަރާތްތައް) ބަލިކުރާނީ އެކެއް ސުމަކުން. ފައިނަލް އޮންނާނީ 2018 ގަ،” މެމްބަރު ވިދާޅުވި އެވެ.

ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ނާއި މަޖިލިހުގެ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާޑު ވިދާޅުވީ އައްޑޫ ސިޓީ، އައްޑޫ ސިޓީ އަކަށް ހަދައިދިނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި، އައްޑޫ ސިޓީ އަށް ކުރިއެރުން ހޯދައިދީ އެ ސިޓީ އަށް ތަރައްގީ ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ.

“އައްޑޫ ސިޓީ، އައްޑޫ ސިޓީ އަކަށް ވެގެން މިދިޔައީ ރައީސް ޔާމީންގެ މި ތިން އަހަރުގެ ތެރޭގައި، ކޮބާތޯ ފެން، ކޮބާތޯ ނަރުދަމާ، ކޮބާތޯ ތާރު، ކޮބާތޯ ބޮޑުހިލަ؟ ކާކުތޯ މިކަންތައް ގެނެސްދެއްވީ؟ ރައީސް ޔާމީން،” ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން ތިބީ މި ސަރުކާރާއެކު ކަމަށާއި އެމްޑީޕީގެ ސަރުކާރަށް އައްޑޫ ސިޓީ އިން މެޖޯރިޓީ އަދި މައިނޯރިޓީވެސް ނުލިބޭނެ ކަމަށެވެ.

“ހަމަ ޔަގީނުންވެސް އައްޑޫގެ ރައްޔިތުންނަށް މިލިބޭ އެހީތެރިކަމާއި ހިތްހަމަޖެހުން، މި ލިބެމުން އަންނަ ކުރިއެރުމާއި މި ހުރިހާ އެއްޗެއް މި ލިބެނީ ރައީސް ޔާމީންގެ ސަރުކާރުން،” ޝާޑު ވިދާޅުވި އެވެ.

ދިވެހި ސަރުކާރަށާއި ރައީސް ޔާމީނަށް ބައިއަތު ހިފުމުން، ބައިއަތު އެ ހިފެނީ ތަރައްގީއާ ކަމަށް ވިދާޅުވަމުން ޝާޑު ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް އައްޑޫ ސިޓީގައި މުޒާހަރާ ކުރާކަމަށް ދެކެވޭ ވާހަކައަކީ މިހާރު އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށާއި ސިޓީގެ ރައްޔިތުން ތިބީ މި ސަރުކާރާއެކު ކަމަށެވެ.