English Edition
Dhivehi Edition

ކައިވެނީގެ ގުޅުމަކުން ގުޅި ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ގުނަމުން ދިޔަކަމުގައިވިޔަސް ތަޤުދީރުގެ ނިޔާ ހަމައެކަކަށްވެސް ބަދަލުނުކުރެވޭނެކަން ޔަޤީނެވެ. މީ މި ދިޔަ ހޮނިހިރު ދުވަހުގެ ރޭ މުޅި ރާއްޖެ ސިއްސުވާލީ ގއ. ވިލިގިލީ ފަޅަށް ވަނަނިކޮށް ހިނގި ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާއާއި ގުޅުންހުރި ވާހަކަތަކެވެ. މީ ފަހުގެ ތާރީޙުގައިވެސް ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ބިރުވެރި ހާދިސާގެ ވާހަކައެވެ.

މި ދުވަސް މަތިން އާންމު ރައްޔިތަކު ހަނދާން ނެތުނަސް އެ މަންމަ އާއި ބައްޕަގެ ހަނދާނުން ނުފިލާނެވެ. ފިރިމީހާގެ ލޯބިން މުޅި އުމުރަށް މަޙުރޫމް ވެ ހުވަފަތްވި އެ ދެ އަނބީންގެ ހިތަކުން ހަނދާނުން ނުފިލާނެވެ. ބައްޕަގެ ލޯބިން މަޙްރޫމްވެގެން ދިޔަ އެ ލޯބި 3 ދަރިން ހަނދާނުން ނުފިލާނެކަން ޔަޤީނެވެ. އަދި އާ ހަޔާތަކަށް ފޮނި އުއްމީދު ކޮށްގެން ކައިވެނި ކުރަން ތެއްޔާރުވަމުން ދިޔަ ދެ މީހުންގެ ހަނދާނުން ވެސް ނުފިލާނެ ކަން ޔަޤީނެވެ.

ވީ ކިހިނެތް؟

އެއީ ގއ. ވިލިނގިލި އަންހެނަކާއި ނ. ލަންދުއަށް ނިސްބަތްވާ ފިރިހެނަކު ކައިވެނި ކުރަން ހަމަޖެހިފައި އޮތް ދުވަުގެ ރެއެެވެ. އާއިލާ މެންބަރުން އެއްތަން ވުމަށް ކަންކަން ރާވަމުން ދިޔަ އިރު، ނ. ލަންދުއަށް ނިސްބަތްވާ ފިރިހެން މީހާގެ ކޮއްކޮ، މުހައްމަދު ޝާފިއު ބަލައި އެ ދެ އާއިލާގެ މެންބަރުން ލޯންޗެއްގައި ދިޔައެވެ. ޝާފިއު ބަލައި ހޮނިހިރުދުވަހު އިރުއިއްސެނިކޮށް ލޯންޗުގައި ދިޔައީ ކައިވެނި ކުރަން އުޅޭ އަންހެން މީހާގެ އެއްބަނޑު އެއްބަފާ ބޭބެ، މިސްބާހް އަބްދުލް މުހްސިން އާއި މިގްސާދު އަބްދުލް މުހުސިން އާއި ކައިވެނި ކުރަން އުޅޭ ފިރިހެން މީހާގެ އެހެން ކޮއްކޮ އެކެވެ. އެމީހުންނާ އެކުގައި މުހްސިންގެ އެކުވެރިއެއް ކަމަށް ވާ ރިޟްވާން ހިމެނޭހެން ޖުމްލަ ހަތަރު މީހުން ދިޔައެވެ. ޝާފިއު ނަގައިގެން (ދަތުރަށް އެރީމައި) 5 މީހުންނާއެކު އެ ރިސޯޓުން ލޯންޗު ފުރައިގެން އައިސް ވިލިނގިލީ ފަޅަށް ވަންނަން އުޅުނު އިރު ރޭގަނޑު 7:15 ހާއިރު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ވިލިނގިލީ ފަޅުތެރެއަށް އެ ލޯންޗު ވަދެވަދެ ހުއްޓާ ގޮސް ނެރުގައި ޖެހި ވަނީ ހިލަ ތޮށިގަނޑަށް އަރާފައެވެ. އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް އައި ބާރު ލޮޅުމާއެކު މިސްބާހު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓި މަރުވި އިރު، ޝާފިއު ވެސް ވަނީ ލިބުނު ޒަހަމްތަކާ އެކު މަރުވެފައެވެ.

އެއީ ކައިވެނިކުރަން އޮތް ފިރިހެންމީހާގެ ކޮއްކޮ ނ. ލަންދޫ/އުރަހަ/ އުމުރުން 26 އަހަރުގެ އަހްމަދު ޝާފިއު އާއި ކައިވެނިކުރަން އޮތް އަންހެން މީހާގެ ކޮއްކޮ ގއ. ވިލިނގިލި/ދޫރެސް އުމުރުން 37 އަހަރުގެ މިސްބާހް އަބްދުލް މުހުސިން އެވެ.

ލިބުނު އަނިޔާތަކުގެ ތަފްސީލް:

އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހިއްސާ ކުރަމުން ވިލިގިލީ ހޮސްޕިޓަލުން ބުނީ، އެ އެކްސިޑެންޓަށް ފަހު ލޯންޗުގައި ތިބި ހަތަރު މީހުން (ރިޟްވާން، ޝާފިއު، ޝާފިއުގެ ކޮއްކޮ، މިގްސާދު) ހޮސްޕިޓަލަށް ގެންދިޔައީ އެރޭ 7:30 އާއި 8 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެމީހުންގެ ތެރެއިން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ރިޟްވާނަށް ވަނީ ގިނަ ޒަހަމްތަކެއް ލިބިފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެ ގޮތުން ދުލާއި މޫނު މައްޗާއި، ބޮލާއި، ދަތްޕިލައަށާއި، ކަނާތު ލޮލަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ޝާފިއު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ބޯ ފަޅައިގެން ގޮސް ވަރަށް ބައިވަރު ލޭ އޭރު ވެސް ފައިބަމުން ދިޔަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ހަމައެއާއެކު ޝާފިއުގެ ކޮއްކޮ ދަތްދޮޅި ދަށާއި، ކަރަށާއި، ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މިގްސާދުގެ ބޮަލަށާއި މޫނު މައްޗަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބުނެއެވެ

” ލޯންޗު ޖެހުނު ބާރު މިނުގައި ވިއްސައިގެން ދިޔަ މިސްބާހު އެރޭ ހޮސްޕިޓަަށް ގެންދިޔައީ 8:05 ހާ އިރު ކަމަށާއި އޭނާ ގެންދިޔަ އިރު ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުގެ މެއިންޓެނަންސް އޮފިސަރުގެ މަގާމުގައި ހުރި މިސްބާހުއަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ބޮޑަށް އޭނާއަށް އަނިޔާވެފައި ވަނީ ބޮލަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ

އެއް ލޯންޗުން އަޅައިނުލައި ދިޔަ ކަމުގެ ތުހުމަތު!

މަޢުލޫމާތު ލިބޭ ގޮތުގައި ހާދިސާއެއް ހިނގައިގެން އުޅޭކަން އެންމެ ފުރތަމަ އެގުނީ އެރަށު އިބްރާހިމް އައުސް އަހްމަދަށެވެ. އައުސް ބުނީ، އޭނާއަށް އެ ލޯންޗުގައި ހުރި ގާތް ރައްޓެއްސަކު ގުޅައިފައި އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކަ ބުނި ކަމަށާއި އަދި އެހީވާން ބަޔަކު ފޮނުވުމަށް ބުނި ކަމަށްވެސް އޭނާ ބުންޏެވެ. މައުލޫމާތު ލިބޭގޮތުގައި އައުސް ބަދަރަށް ގޮސް ކޫއްޑޫއަށް ދަތުރެއްކުރަން ރެޑީވެފައި އޮތް ލޯންޗެއް ކައިރި އެހީވާން ބުނި ކަމަށާއި އެކަމަކު އޭނާ ލަސްވަނީ ކަމަށް ބުނެ އަޅައިނުލައި ދިޔަކަމަށެވެ. މީ އެރަށުތެރޭގައި ވަރަށް ގަދައަށް ދެކެވި މީޑިއާ ތަކުންވެސް ރިކޯޑް ކުރި ވާހަކަ އެއް އެކަމަކު މީގެ ސީދާ އެއްޗެއް ބުންނަން އިނގޭނީ ފުލުހުންގެ ފަރާތުން ބަހެއް ލިބުނީމައެވެ.

ފުލުހުންގ ސީންއަށް ދިޔަގޮތް ލަސްވި؟

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަގޮތުން އެހީވާން ދިޔަ ލޯންޗެއްގެ މީހަކު މިސްބާހް ކޮބާހޭ ބުނީމަ، މިސްބާހު ގެއްލިއްޖެ ކަމަށާއި މިސްބާހު ނުފެންނަކަމަށް ހާދިސާގައި އަނިޔާ ލިބުނު މީހަކު އެކްސިޑެންޓްވި ލޯންޗްގެ ބޭރުގަހުރެ ބުނާ އަޑުއިވެއެވެ. އަދި މިމީހުން ހާދަލަހޭ ބުނެ ޕޮލިހަށް ވެސް ގުޅިކަމަށް އަނިޔާ ލިބުނު ފަރާތުން އެ ވީޑީއޯގައި ބުނެއެވެ. އެހެންކަމުން “މި މީހުން” އެ އިޝާރާތްކުރަނީ ދިވެހި ފުލުހުންނަށް ކަން މި ވީޑިއޯ އިން އިނގެއެވެ. ސުވާލަކީ އެހީއަށް އެދި ގުޅުމުން ފުލުހުންނަށް ދެވުނީ ކިހާއިރަކުންތޯ؟

02 މީހުންގެ ޖަނާޒާ އޮތީ މިސްބާޙު ގޭގައި

މި ހިތާމަވެރި ހާދިސާއިން މުޅި ރާއްޖެއަށް ސިހުމެއް ލިބުނުއިރު ގއ. ވިލިނގިލީގައި އޮތީ އާދަޔާ ޚިލާފް ބިރުވެރިކަމާއި ހިތާމަވެރިކަމާއި މަޑުމޮޅިކަމެވެ. ރުއިމުގެ އަޑެވެ. ހާދިސާ ހިނގައިގެން އުޅުނު ރޭ މުޅި ވިލިނގިލި އޮތީ ހުއްޓުމަކަށް އައިސްފައެވެ. ރަށުގެ ރައްޔިތުން ހޮސްޕިޓަލަށް ޖަމާވެ އެ ސަރަހައްދު ފުރި ބާރުވެފައެވެ. އިވެމުން ދިޔައީ އެމްބިޔުލާންސްގެ ރަގަބީލުގެ އަޑުތަކެވެ. މިސްބާހާއި ޝާފިއުގެ ޖަނާޒާ އަނެއް ދުވަހު މެންދުރު ނަމާދަށްފަހު ބާއްވަން އާއިލާއިން މަސައްކަތް ކުރި ނަމަވެސް ދެ މީހުންގެ ހަށިގަނޑުން ލޭ ފައިބާވަރުން ޖަނާޒާ ބޭއްވޭ ގޮތެއް ނުވި އެވެ. އަދި ފަޅައިގެން ގޮސްފައިވާ ތަންތަން ފެހުމަށްފަހު އެދުވަހު އަސްރު ނަމާދުގެ ފަހުން ޖަނާޒާ ވަނީ ބާއްވާފައެވެ. ކައިވެނީގެ ހަފްލާލާއަކަށް ތެއްޔާރުވަމުން ދިޔަ އެގެއިން ކައިވެނި ކުރަން އޮތް ދުވަހު ނެރެން ޖެހުނީ ފުރާނަ ނެއް 02 ސަންދޯކެވެ. މީ އެ އާއިލާގެ ހިތަށް ލިބިގެންދާ ހިތްދަތި ވަގުތުކަން ޔަޤީނެވެ.

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ހިތާމަވެރި މި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، ޝާފިއު އާއި މިސްބާހުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން!.