English Edition
Dhivehi Edition

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ، ބަންގްލަދޭޝްގެ ސަފީރު ވަނީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ހުރި ފުރުޞަތުތައްފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމާއި ތަފާތުކުރުމެއްނެތި ވެކްސިންގެ ފޯރުކޮށްދެއްވުމަށް ކުރައްވާފައި މަސައްކަތް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވެ، އެކަމުގައި އަދިވެސް މަސައްކަތްތައް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް ކުރިޔަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަދެއްކެވިއެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އިތުރުވަމުން އަންނައިރު މުސްތަޤްބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނު އެންމެފަހުން ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވަމުން އެ ދަތުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި ފުރިހަމަ މެހުމާންދާރީއަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ސަފީރު ވަނީ ދެ ޤައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ދެ ޤައުމަށް ކުރައްވާފައިވާ ދަތުރުފުޅުތަކާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް މަގުފަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ބަންގްލަދޭޝްގެ ސަފީރު މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެންބަރު 1978 ގައެވެ.