English Edition
Dhivehi Edition

އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ގުޅިގެން ހަދާ ޖޮއިންޓް ވެންޗަރ ގެ ދަށުން ގާއިމުކުރާ ފްލައިން ސްކޫލުގެ ކިޔެވުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމާއި ގުޅޭގޮތުން އެ ތަނުގައި ކިޔަވާ ދަރިވަރުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ރައީސް ޞޯލިޙް އާ ވެސް ބައްދަލުކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައެވެ.

ޖޮއިންޓް ވެންޗަރ ގެ ދަށުން ގާއިމުކުރާ ފްލައިން ސްކޫލް މެނޭޖު ކުރާނީ ޗެކް ރިޕަބްލިކް ފްލައިން އެކަޑެމީންނެވެ. އެއީ އަޔާޓާގެ އެޕްރޫވްޑް ތަނެކެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް “އޭއޯ ނިއުސް” އަށް ވިދާޅުވީ ހުރިހާ ކަމެއް ތައްޔާރުވުމުން ފްލައިން ސްކޫލުން ކިޔެވުމަށް ހުޅުވާލާނެ ކަމަށާއި އެކަމަކު، އިސްކަންދޭނީ އެކި ސަބަބުތަކާ ހެދި ކިޔެވުން މެދުކެނޑިފައިވާ ދަރިވަރުންނަށް ކަމަށެވެ.

އައްޑޫގައި ފްލައިން ސްކޫލު ހިންގުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ފަށާފައިވާއިރު އިންޖީނިއަރިން ސާވިސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވެސް އަންނަނީ ވަމުން ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ދަރިވަރުންގެ ތިއަރީ ބައި ހިތަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުގައި ކުރިއަށްދާއިރު. ފްލައިންގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގަން އެއާޕޯޓުގައެވެ.

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން ދާ ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ޙައްލުކޮށްދެއްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ “ކިޔަވާ” ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.