English Edition
Dhivehi Edition

މަންކީޕޮކްސް ރާއްޖެއިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށާއި ނަމަވެސް އެ ބަލިން ރައްކާތެރިވުމަށް ފަރުދީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިނގިރޭސިވިލާތުން މަންކީޕޮކްސް ވައިރަސްގެ ކޭސްތައް ރިފޯޓުކުރުމާއެކު އެ އޭޖެންސީން ބަލި ފެތުރޭ މިންވަރު ބަލަމުން ދިޔަ ކަމަށެވެ. އަދި މެއި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ނުވަތަ އަވަށްޓެރި ގައުމަކުން ވެސް އެ ބަލީގެ ކޭހެއް ފެނިފައި ނުވާކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

“މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ނަމަވެސް އެއިން އެއްވެސް ގައުމަކާ ގުޅުމެއް ނެތް ތަންތަނުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި އެ ބަލި ފެތުރޭ މިއީ ފުރަތަމަ ފަހަރު. އެހެންވެ ބައްޔާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ދިރާސާތައް މިހާރު ވަނީ ފަށާފައި” އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އެޖެންސީން ބުނީ މުސްތަގުބަލުގައި ރާއްޖެއަށް ވެސް ބަލި އައުމަކީ އެކަށީގެންވާ ކަމަކަށް ވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގައިންގަޔަށް އަރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފުކޮށް، މާސްކް އެޅުމަށާއި އެއްވެސް އަލާމާތެއް ހުރި ނަމަ އެހެން މީހުންނާ ގައިގޯޅި ނުވުމަށް ވަނީ އެދިފައެވެ.

މަންކީޕޮކްސްއަކީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިނުން މަންކީޕޮކްސް ވެސް ރައްކާތެރިކޮށްދެ އެވެ. ދުނިޔެއިން ކަށިވިދުރި 1980 ގައި ނައްތާލެވުނު ނަމަވެސް މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި މަންކީޕޮކްސް ފެތުރުނު ގައުމުތަކުގައި އެ ބަލި އިތުރުވި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މަންކީޕޮކްސްގެ ކޭސްތައް، އެ ބަލި އާންމުކޮށް ފެންނަ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނު ކަމުގައި ވިޔަސް މިއިން ގައުމަކާ ގުޅުމެއް ނެތް ގޮތަށް، އެހެން ގައުމުތަކުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި މިފަދަ އައުޓްބްރޭކެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް އެ އޭޖެންސީން ފާހަގަކޮށްފައިވެއެވެ.

މި ބަލީގެ އަލާމާތްތަކަކީ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލީގައި ނުވަތަ އުކުޅުގައި ގޮށްލުމެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ.