English Edition
Dhivehi Edition
ފޮޓޯ: އިލެކްޝަންސް ކޮމިޝަން ޓްވިޓަރ

މިއަދު ކުރިއަށްދިޔަ ވިލިމާލޭ ޑަބްލިއުޑީސީ ގެ ނަތީޖާ އަލުން ގުނައިދިނުމަށް އިލެކްޝަންގައި އެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

އެމްއެންޕީގެ ސްޕޯކްސް ޕާރސަން އަސްރާ އަޙްމަދު ދާދިދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ޑަބްލިއުޑީސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ބެލުމަށްފަހު، އަލުން ރީކައުންޓަކަށް ދިއުމަށް އިލެކްޝަންސް ކޮމިޝަންގައި އެދުމަށް އެމްއެންޕީގެ ސެކްރެޓިއޭޓުން ނިންމާފައިވާ ކަމަށެވެ.

މިއަދު ބޭއްވި ވިލިމާލެ ޑަބްލިއުޑީސީ އިންތިޚާބު އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބު ކުރީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންނެވެ.

އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް (އީސީއެމް) ގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމް އިން ވާދަކުރެއްވި ފާތިމަތު ނާޒިމާއަށް ލިބިވަޑައިގެންނެވީ 359 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއަށް ލިބިވަޑައިގެންނެވީ 358 ވޯޓެވެ.

މި އިންތިޚާބުގައި ވާދަކޮށްފައިވަނީ ބެސް ޕީޕީއެމް ގެ ނާޒިމާ އާއި އެމްއެންޕީ ގެ ޝީޒާއެވެ. އެމްޑީޕީން ވެސް މި އިންތިޚާބުގައި ވާދަކުރަން ކެންޑިޑޭޓަކު ހޯދުމަށް ހުޅުވާލިއެވެ. ނަމަވެސް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.

ވިލިމާލޭ ޑަބްލިއުޑީސީ އިންތިޚާބުގައި 2900 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާއިރު، ވޯޓުލުމަށް ހަ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.

އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.