English Edition
Dhivehi Edition

އައްޑޫ ސިޓީގައި ފަސޭހަ ދަތުރު ފަތުރުގެ ނިޒާމެއް ގައިމުކުރެވިގެން ދިއުން ވެގެން ދިޔައީ އެ ސިޓީގެ ރައްޔިތުންގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. ހާއްސަކޮށް އައްޑޫ ސިޓީ ވަކިން އޮންނަ ހުޅުދޫ މީދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ފަސޭހަ ކަމާއެކު އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކޮށްލުމުގެ އިތުރުން، ފުވައްމުލައް ސިޓީއަށް ވެސް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެން ދިއުމަކީ ހުޅުދޫމީދޫ އަވަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު ލުއި ފަސޭހައެކެވެ. ދަތުރުވެރިންގެ އިތުރުން، މުޅި އައްޑޫ ސިޓީގެ އިގްތިސާދަށްވެސް އެކަމުގެ ރަނގަޅު އަސަރުކުރި ކަމެކެވެ.

އެންމެ ފުރަތަމަ 2015 ވަނަ އަހަރު އެމްޕީއެލްގެ ބެލެނެވެރިކަމުގެ ދަށުން ސަދަން ޓްރާންސްޕޯޓް ގެ ނަމުގައި އައްޑޫ ސިޓީގައި ދަތުރުފަތުރުގެ ނިޒާމް، ފެށިގެން ދިޔައީ ގިނަ އުއްމީދުތަކަކާއެކުގައެވެ. ފޭދޫ އާއި މީދޫގައި ފެރީ ޓާމިނަލް ގާއިމުކުރެވިގެން ދިޔައިރު، އޭރުވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ސައިކަލް ފެރީގެ ހިދުމަތް ނުލިބުމެވެ. ދެކުނުގެ ދަތުރުފަތުރު އެމްޓީސީސީ އާއި ހަވާލުކުރުމާއި އެކު މި މައްސަލައަށް ހައްލެއް ލިބިގެން ދިޔައެވެ. 2021 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭ، ސައިކަލް ފެރީގެ ހިދުމަތް ފެށިގެން ދިޔައިރު، އައްޑޫ ސިޓީގެ ފޭދޫގެ އިތުރުން ހިތަދޫ އަށް ޝެޑިއުލް ދަތުރުތައް އޮތުންވެގެން ދިޔައީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

އެމްޓީސީސީ އާއި އެކު ފެށުނު ދަތުރުފަތުރުގެ ނިޒާމަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރިއެވެ. އަލަށް ލިބެން ފެށި ހިދުމަތްތަކާއެކު ޝެޑިއުލް ދަތުރުތައް އިތުރުވެ ކާގޯ ފެރީގެ ހިދުމަތް ފުޅާވެގެން ދިއުމުން މުޅި އައްޑޫ ސިޓީގެ އިގްތިސޯދަށްވެސް އެކަމުގެ ރަނގަޅު އަސަރުކުރިއެވެ. އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ފެށި ކާގޯ ފެރީ ހިދުމަތާއެކު ވިޔަފާރިވެރިންނަށް ބޮޑު ލުއި ފަސޭހައެއް ލިބިގެން ދިޔައެވެ.

އެހެންނަމަވެސް ދަތުރުފަތުރުގެ ނިޒާމުން، ފެންނާނެކަމަށް އުއްމީދު ކުރި ރަނގަޅު ބަދަލު ނުފެނި އަނެއްކާވެސް މިވަނީ ރައްޔިތުންނަށް އިތުރު ތަކްލީފަކާއި ކުރިމަތިލާންޖެހިފައެވެ.އައްޑޫ ސިޓީގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށްޓަކައި އެމްޓީސީސީ އިން ގެނައި 2 ފެރީ، ގެ ތެރެއިން 2 ފެރީ ރާއްޖޭގެ އެހެން ހިސާބަކަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން އެއް ފެރީ އަކީ އައްޑޫ ސިޓީއަށް ގެނައި އިރުވެސް ވަރަށް ބޮޑަށް ބާވެފައިވާ ފެރީއެކެވެ. މިހާރު އެ ތަނުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޕީއެލްގެ ދުވަސްވަރު ގެނެސްފައިވާ އެއް ފެރީ ބޭނުންކުރަމުން އަންނައިރު ދަތުރުވެރިން އުފުލުމަށާއި، ކާގޯ އުފުލުމަށްވެސް ބޭނުންކުރަނީ އެ ފެރީއެވެ. އެ ސިޓީގެ ދަތުރުފަތުރަށް އެންމެ ލޯންޗެއް ބޭނުންކުރަމުން އަންނައިރު މިކަމުގެ ތަކްލީފް އުފުލަމުންދާ މީހުންގެ ޝަކުވާތައް ވަރަށް ގިނައެވެ.

“ކުރިން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އާއި ދެމެދު ބާއްވަމުން އައި ކާގޯ ފެރީގެ ހިދުމަތް މިހާރު ލިބެނީ ހަފްތާއަކު އެއް ދުވަހު. އެ ދުވަހު ފެރީ ފުވައްމުލަކަށް ގޮސްފިއްޔާ ދެން ހުޅުމީދޫ އާއި ފޭދޫ ގެ ހުރިހާ ފެރީ ދަތުރުތަކެއް ސްޕީޑް ލޯންޗަށް މި ބަދަލުކޮށްލަނީ. ފެރީގަ ފަންސާސް ރުފިޔާ ދީފަ ކުރެވެން އޮންނަ ދަތުރު، އެންމެ ފެރީއެއް އޮތުމުގެ ސަބަބުން ލޯންޗުން ކުރަން މި ޖެހެނީ ސަތޭކަ ދިހަ ރުފިޔާ ދީފަ. ބައެއް މީހުންނަށް މިއީ މާ ބޮޑު ކަމަކަށް ނުވެދާނެ. އެކަމަކު ހަގީގަތުގައި މިއީ އަޅުގަނޑުމެން ކަހަލަ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް.” އާންމުކޮށް ފޭދޫ އާއި މީދޫ އާއި ދެމެދު ދަތުރުކުރާ މީހަކު ބުންޏެވެ.

މިކަމުގައި ދަތުރުވެރިންގެ އިތުރުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައްވެސް ވަރަށް ބޮޑެވެ. “އަޅުގަނޑަކީ އާންމުކޮށް ފުވައްމުލަކަށް މުދާ ފޮނުވާ މީހެއް. މިހާރު ‘ޓެކްނިކަލް މައްސަލަ ދިމާވާ ވަރުން’ މިޖެހެނީ ފެރީ އޮންނަ ދުވަހަކަށް ވިޔަފާރި މަޑުޖައްސާލަން. ބައެއް ފަހަރު ހުޅުމީދޫ އަށް ފޮނުވަންޖެހޭ މުދާވެސް ނުފޮނުވޭ. ސްޕީޑް ލޯންޗަކަށް މި ހުރިހާ މުދަލެއް ނާރުވާނެ. ދެން ނަސީބެއް އަމިއްލަ ބަޔަކު ހިންގާ ފެރީއެއް ހުޅުމީދޫ އާއި ފޭދޫ އާއި ދޭތެރޭ ދަތުރުކުރާކަން.” ފޭދޫ ވިޔަފާރިވެރިއަކު ބުންޏެވެ.

މީގެ އިތުރުންވެސް އެމްޓީސީސީ ފެރީގެ ހިދުމަތްތަކާއި މެދު ރައްޔިތުގެ ޝަކުވާތައް ބައިވަރެވެ. ހިތަދޫއަށް ފެރީ ކައިރިކުރާ ސަރައްހައްދުގައި ފެރީ ޓާމިނަލެއް ނުވަތަ ހިޔާވެލާނެ ތަންކޮޅެއްވެސް ނެތް އިރު ދަތުރުވެރިން އަވީގައި ތިބެންޖެހޭ ކަމުގެ ޝަކުވާތައް ބޮޑެވެ. އައްޑޫ ސިޓީ ގައި ބަހުގެ ހިދުމަތް ފެށޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރުކުރާތާ ކިތަންމެ ދުވަހެކެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެމްޓީސީސީ އިން ބުނީ ދެކުނުގެ ދަތުރުފަތުރު ތަރައްޤީކުރުމަށް އޮތް ޕްލޭންއަކީ އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް) އަދި ފޭސްޓޫގެ ޕްލޭނާއި އެކު މިހާރު ހުރި ބައެއް ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އައްޑޫ ސިޓީގެ ރައްޔިތުގެ އުއްމީދަކީވެސް ދަތުރުފަތުރުގެ ހިދުމަތް ރަނގަޅުވެގެން ދިއުމެވެ. މިހާރު ދިމާވެފައިވާ ދަތިތައް އަވަހަށް ހައްލުވެގެން ދިއުމެވެ.