English Edition
Dhivehi Edition
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ފޮޓޯ: މިހާރު

ރާއްޖޭގައި ހުރި ބުދުދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތު ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ރާއްޖޭގައި ހުރި ބުދުދީނުގެ އާސާރުތައް އަވަށްޓެރި އިންޑިއާ އިން މަރާމާތު ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައިވާއިރު، މިކަމާއި ގުޅޭ ގޮތުން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ރާއްޖޭގައި ހުރި ބުދުދީނުގެ އާސާރުތައް އިންޑިއާ އިން މަރާމާތު ކުރަން އުޅޭ ކަމަށް ބުނެ ފިތުނަ އުފެދޭ ގޮތަށް ބައެއް މީޑިއާ ތަކުން ފަތުރަމުން އަންނަނީ ދޮގު ހަބަރެއް ކަމަށެވެ.

އިތުރަށް އެ މަރުކަޒުން ބުނީ ނ. ލަންދޫ މާބަދިގެ ސަރަހައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަހައްދުގައި ހުރި ކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް ބޭނުން ކޮށްގެން ފަތުރަމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ މަޝްރޫއުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި ހެރިޓޭޖް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށްވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ،

މިއީ ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯސަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ ހަތަރު މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

މީގެ އިތުރުން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ އެފަދަ ދޮގު ޚަބަރު ތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަ ކަމާއި މުޖުތައުގެ ހަމަޖެހުން ގެއްލި، ދިވެހީން ތެރޭގައި ފިތުނަފަސާދަ އުފެދި، ބައިބައިވުމަށް މަގުފަހިވާނޭ އަމަލު ތަކެއްކަން ފާހަގަކޮށްފައެވެ. އަދި ސިޔާސީ ބޭނުންމަށް ހިންގާ އެ ބާވަތުގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެ މަރުކަޒުން ވަނީ ގޮވައިލާފައެވެ.