English Edition
Dhivehi Edition

މާލެ ސިޓީގައި ކުށްކުރުން އިތުރުވުމާއި ގުޅިގެން، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ޔާމީން ޓުވިޓާ ބޭނުންކުރައްވަން ފައްޓަވާފައިވަނީ ރޭގައެވެ. އަދި މިރޭ އެ މަނިކުފާނު ކުރެއްވި ޓުވިޓެއްގައިވަނީ ކުށްކުރުން އިތުރުވީ ކޮން ސަބަބަކާ ގުޅިގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ކުށްކުރުން އިތުރުވީ އެކަންކަން ހުއްޓުވަން މަސައްކަތް ނުކުރާތީ ތޯ ނޫންނަމަ އެކަމަށް ފުލުހުން ހިތްވަރު ދޭތީތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

ރައީސް ޔާމީން މި ގޮތަށް ޓުވިޓްކުރައްވާފައިވަނީ އީދު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މާރާމާރީ އިތުރުވުމާއި ގުޅިގެންނެވެ. އީދު ދުވަހު ހެނދުނު މަޖީދީ މަގުގައި ހިނގި މާރާމާރީގައި ޒުވާނަކު ވަރަށް ބޮޑަަށް ޒަހަމުކޮށްލާފައިވާއިރު މި މައްސަލައާއި ގުޅިގެން 18 އަހަރުގެ މީހަކާއި 15 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ.

ރޭވެސް މާލެ ސަރަހައްދުގައި ދެ މާރާމާރީ އެއް ހިންގާފައިވާއިރު، ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގައެވެ. މި މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު ގްރޫޕް މާރާމާރީ ހިންގި މައްސަލައެއްގައި، އިތުރު ހަތް މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ