މިއަހަރުގެ ފިޠުރު ޢީދު ދުވަހު ހިނގި މާރާމާރީ އާ ގުޅިގެން ޒުވާނަކާއި ކުޑަކުއްޖެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަަހަރުގެ މީހަކާއި 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުގެ ޒުވާނާއަކީ ގދ. ވާދޫ/ އުނިމާގެ، ހަސަން ޒިޔަން އިބްރާހިމް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަސަން ޒިޔަން އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށާއި 15 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓަށް ހާޟިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ 7 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ
އީދު ދުވަހު މާލޭގައި ވަނީ ނުރައްކާތެރި ދެ މާރާމާރީއެއް ހިންގައި، 4 މީހަކު ޒަޚަމުކޮށްލާފައިވެއެވެ. އޭގެ ތެރެއިން އެއް މާރާމާރީ މާވެޔޮ މިސްކިތް ކައިރީގައި ހިނގާފައިވާއިރު، އަނެއް މާރާމާރީ ހިނގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގާއި ގުޅޭ ހިސާބުގައެވެ.
ފުލުހުން ބުނީ މި މާރާމާރީތަކުގެ ތެރެއިން އީދު ދުވަހު ހެނދުނު ޖަނަވާރީ މަގު، މަގީދީ މަގު ގުޅޭ ހިސާބުގައި ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދާ މީހުންނަކީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)، ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)، ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)، ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)، ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ) އަދި ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ) އެވެ.
މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.