ޕާޓީގެ ހުރިހައި މެމްބަރުންނަށް ވަގަށް ގޮވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ވިދާޅުވެ، ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރޕާރސަން އިސްމާއީލް ޒަރިޔަންދަށް، ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
ނިހާދު މިފަދައިން ހިތްހަމަނުޖެހުން ފާޅުކުރެއްވީ ޒަރިޔަންދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ޒަރިޔަންދުގެ ޓްވީޓުގައިި ވިދާޅުވެފައިވަނީ “ތަށިމުއްޓާއި ބެޑްރޫމް ސެޓާއި، އެސްއެމްއީ ލޯނާއި މަދު ފައިސާކޮޅަކަށް” ވޯޓް ވިއްކާލަން ތައްޔާރުވާނަމަ ވިސްނަވަންވީ ކަމަށެވެ. އަދި މާދަމާ އެ ވޯޓް ގަންނަފަރާތުން ތިބާއަށް ކުރި ޚަރަދު އަނބުރާ ހޯދާނީ، އޭގެ އެތައް ސަތޭކަގުނައަކަށް ރައްޔިތުންގެ މުދަލާއި ފައިސާއިން ކޮރަޕްޝަން ހިންގައިގެންކަމަށެވެ.”
އެ ޓްވީޓަށް ރައްދު ދެއްވައި މެންބަރު ނިހާދު ވިދާޅުވީ ޕާޓީގެ ހުރިހައި މެމްބަރުންނަށް ވަގަށް ގޮވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ތިމާ ނުވަތަ ފެކްޝަންގެ މަދު މީހުން ނޫން އެހެން ހުރިހައި މެމްބަރުންނަށް ވަގަށް ގޮވުމަކީ އެއްވެސް ހާލެއްގައި މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މެމްބަރުން ކުރެން މާފަށް ވެސް އެދެންޖެހޭ ކަމަށެވެ.
އެމްޑީޕީ ޗެއަރޕާރސަން އިންތިޚާބަކީ މިހައިތަނަށް ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ވާދަވެރި އަދި ފޯރިގަދަވާނެ އިންތިޚާބު ކަމަށް ބެލެވޭއިރު، މި އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ތާއީދު ކުރައްވާ މެންބަރުންގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ ފެކްޝަނެކެވެ.
ރައީސް ސާލިހުގެ ފެކްޝަނުގެ ފަރާތުން އެމްޑީޕީގެ ޗެއަރޕާރސަންގެ މަގާމަށް އިކޮނޮމިކް މިނސްޓަރ ފައްޔާޟު އިސްމާޢިލް ވާދަކުރައްވާއިރު، ރައީސް ނަޝީދުގެ ފެކްޝަނުގެ ފަރާތުން ވާދަކުރައްވަނީ އިމްތިޔާޒު ފަހުމީ (އިންތި)އެވެ. އެގޮތުން ޒަރިޔަންދު ތާޢީދުކުރައްވަނީ އިންތިއަށެވެ. ނިހާދު ތާޢީދު ކުރައްވަނީ މިނިސްޓަރ ފައްޔާޟަށެވެ.
އެމްޑީޕީގެ ޗެއާޕާރސަން އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.