English Edition
Dhivehi Edition

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ ‘ހެޕީ މާކެޓް’ ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކޮށް، އެ ކުންފުނީގެ ފަސް ވަނަ އައުޓްލެޓް އިއްޔެ މާލޭގައި ހުޅުވައިފި އެވެ.

މާލޭ މެދުޒިޔާރަތް މަގުގައި އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ، ހެޕީމާކެޓްގެ ސީއީއޯ އަލީ އިހުސާނުއެވެ. އޭނާއެކު އެ ފިހާރަ ހުޅުވުމުގައި އެ ކުންފުނީގެ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފާއި އެ ކުންފުނީގެ ސީއެފްއޯ ބައިވެރިވިއެވެ

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އިހުސާން ވިދާޅުވީ އެތަނަކީ ހެޕީ މާކެޓުން ވިއްކާ އުފެއްދުންތައް ރަހަ ބަލައިލާ އެތަކެތި ކައިރިން ތަޖުރިބާ ކޮށްލާނެ މާހައުލެއް ކަސްޓަމަރުންނަށް ހޯދައި ދިނުމަށް ހުޅުވި ފިހާރައެއް ކަމަށެވެ. އަދި އެ ފިހާރަ ހުޅުވުމުގެ މަގުސަދަކީ، ހެޕީ މާކެޓުން ވިއްކާ އުފެއްދުންތަށް ކަސްޓަމަރުންނަށް ދައްކާލައި ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް އިހުސާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި 25 އަހަރު ހެޕީ މާކެޓުން ވޭތުކުރި އިރު ކަސްޓަމަރުން ގަޔާވާ ފަދަ ކާބޯތަކެތި އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ބަލަނީ އެންމެ ފެންވަރު ރަނގަޅު ތަކެތި ލިބޭ ގައުމަކަށް ރާއްޖެ ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މަސައްކަތް ކުރަނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ ކޮލިޓީ ބްރޭންޑްގެ ކާ އެއްޗެހި އޭގެ ފުލް ރޭންޖް ފްރޯޒަން އާއި ޑްރައި ހުރިހާ އެއްޗިސް އިންކްލޫޑް ކުރާ ގޮތަށް ގެނެސް ސަޕްލައި ކުރުން،” ސީއީއޯ އިހުސާނު ވިދާޅުވިއެވެ.

ހެޕީމާކެޓްގެ ވިޔަފާރި ރާއްޖޭގެ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ފުޅާ ކުރަން އެކުންފުނިން މަސައްކަތް ކުރަމުން އަންނަ އިރު އައްޑޫސިޓީގައި މިހާރު ވެސް އައުޓްލެޓެއް ހުޅުވާފައިވާކަން އިހުސާން ފާހަގަ ކުރެއްވިއެވެ