English Edition
Dhivehi Edition

މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އާއި ބަނގުރާ އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓުން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ގިނަ އަދަދެއްގައި ފައިސާ ވަނީ އަތުލައިގެންފައެވެ،

މި މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ސްރީ ލަންކާގެ ފިރިހެނަކާއި 31 އަހަރުގެ ސްރީ ލަންކާގެ ފިރިހެނެއް އަދި 29 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއްކަމަށެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެ އަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވަގު ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ފެނިފައިވާއިރު ބަލައި ފާސްކުރި ތިން ގެއިންވެސް ގިނަ އަދަދެއްގެ ބަނގުރަލާއި އެމެރިކާ ޑޮލަރު ފެނިފައިވެއެވެ. އެގޮތުން ޖުމްލަ 79 ފުޅި ބަނގުރާ ފެނިފައިވާއިރު 245000 އަށްވުރެ ގިނަ ދިވެހި ފައިސާއާއި 14500 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 50 ޔޫރޯ ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހުންނަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.