English Edition
Dhivehi Edition

ނުފޫޒުގެ ވާހަކަ ދައްކަނީ ރައީސް ނަޝީދުގެ އޮފީސް، ކެންޕެއިން ޖަގަހައަކަށް ބަދަލު ކުރި ފަރާތްތަކެއް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއަރޕާރސަން ހޮވުމުގެ އިންތިޚާބުގައި ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ފައްޔާޒުގެ ޓީމުން ހިނގަމުންދާ ކަމަށް ހުށަހެޅި ޝަކުވާތައް ސައްހަކަމަށް އެމްޑީޕީގެ ޝަކުވާ ކޮމިޓީން ބަލައިގަތުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރޮޒައިނާ ވިދާޅުވެފައިވަނީ ނުފޫޒުގެ ވާހަކަ ދައްކަނީ ރައީސް ނަޝީދުގެ އޮފީސް، ކެންޕެއިން ޖަގަހައަކަށް ބަދަލު ކުރި ފަރާތްތަކެއް ކަމަށެވެ. އަދި ޗެއަރޕާރސަންގެ އިންތިޚާބު ނިމުމުގެ ކުރިން، އެ އިންތިޚާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީން ކަނޑައިނުލައިފި ނަމަ ރަނގަޅު ކަމަށެވެ.

އިންތިޚާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ފައްޔާޒްގެ ވާދަވެރިޔާ، އިމްތިޔާޒް ފަހުމީގެ ޓީމުން ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު ޝަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުން ފައްޔާޒްގެ ޓީމުން މިހާރުވަނީ އިސްތިއުނާފްކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ފައްޔާޒްގެ ޓީމުން ބުނީ ޕާޓީގެ ގުނަންތަކުން އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަން އެ ނިންމުންތަކުން އެނގޭ ކަމަށެވެ. އަދި އެ ނިންމުންތައް ހުރީ ޕާޓީން އާއްމުކޮށްފައިވާ ގަވާއިދުތަކާ އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ވެސް އެ ޓީމުން ބުނެއެވެ.