English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވަމުން ގޮސް އެމަހުގެ ފަހު ދިހައަކާ އަޅުގަނޑުމެން ކުރިމަތިލައިފީމު އެވެ. އަޅުކަމާއި ޒިކުރުކުރުން އިހުނަށްވުރެ ގިނަކުރަންވީ ދުވަސްތައް ވެސް އައިސް މިހާރު މިދަނީ ނިމުމަކާއި ކައިރިވަމުންނެވެ.

މޮބުވެތި އަޚުނާއި އުޚުތުންނޭވެ. ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވުމަށް ދާދި ކުޑަ ދުވަސްކޮޅަކަށް ވެއްޖެއެވެ. ދެން މި ރަމަޟާން މަހުން ބާކީ އޮތީ އެންމެ ދެތިން ދުވަހެވެ. އެގޮތުން މިހާރު ގުނަމުން މި ދަނީ މި ރަމަޟާން މަހުގެ މާތް ވެގެންވާ ފަހު ދިހައިގެ ވެސް ފަހު ދުވަސްކޮޅެވެ.

ހެޔޮ ޢަމަލްތައް ކުރުމުގައި ދެމިތިބޭށެވެ. ހެޔޮ ޢަމަލް ކުރުމުގައި ތި ދައްކަމުން އަންނަ ހިތްވަރު އިތުރުކުރާށެވެ. އަޅުކަމުގައި ބޮޑަށް ހީވާގި ވާށެވެ.

އަޚުންނާއި އުޚުތުންނޭވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ އަޅުގަނޑުމެން އެންމެން ވެސް އަޅުކަމުގައި ގިނައިން ޝާމިލްވެ އުޅެންވީ ދުވަސްތަކެވެ. އެ ދުވަސްތަކުގައި ކުރެވޭ ހެޔޮ އަމަލުތަކުގެ ސަވާބު އެތަކެއްގުނަ އަށް އިތުރުވެގެން ދާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

އަދި ހަމަ އެހެންމެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައި އަންނަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލް ޤަދުރި ވިލޭރޭގެ ދަރުމައާއި ހެޔޮކަން ލިބުމަކީ މި ދުނިޔެ މަތިން ލިބޭނެ އެންމެ މާތް އަދި އެންމެ ބޮޑު ޝަރަފެވެ. އެހެންކަމުން ވީވަރަކުން ރޭއަޅުކަމުގައި އިތުރަށް ހީވާގިވެވޭތޯ އަދިވެސް މަސައްކަތް ކުރާށެވެ.

ޤުރުއާން ކިޔެވުމާއި ޞަދަޤާތް ދިނުން ފަދަ ހެޔޮ ޢަމަލުތައް ވީވަރަކުން އިތުރު ކުރާށެ އެވެ. މިއީ ރަޙުމަތުގެ ތިންގުނަ ލިބޭ މަތިވެރި ދުވަސްތަކެވެ. މި ފުރުސަތު ނަގާނުލާށެވެ.