English Edition
Dhivehi Edition

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ މާރޗު މަހު ހުށަހަޅައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދައްކައެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިކައިގެ 27 މައްސަލަ އާއި އިހުމާލުވުމުގެ 26 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 20 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 3 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ ވެސް މާރޗު މަހު ހުށަހަޅާފައިވާ ކަމަށް ދައްކައެވެ.

މީގެ އިތުރުން ވަކިޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 31 މައްސަލަ މާރޗު މަހު ހުށަހަޅާފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި އެބާވަތުގެ 11 މައްސަލަ ހުށަހެޅި ކަމަށް ދައްކައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލައާއި ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލައާއި އިހުމާލުގެ 4 މައްސަލައާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައަކާއި ބިރުދެއްކުމުގެ މައްސަލައެއްވެސް މާރޗުމަހު ވަނީ ހުށަހަޅާފައެވެ.